ޚަބަރު

މޮންޒާ ބަލިކޮށް ނާޕޮލީ އެއްވަނައަށް


އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-2 ގެ ނަތީޖާއަކުން މޮންޒާ ބަލިކޮށް، ތާވަލުގެ އެއްވަނައަށް ނާޕޮލީ ޖެހިލައިފިއެވެ.

މި ސީޒަނުގެ ލީގުގައި މިހާތަނަށް އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައިވާ ނާޕޮލީ ވަނީ 6 މެޗުން 13 ޕޮއިންޓް ހޯދައި، ތާވަލްގެ އެއްވަނައިގައެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ދެވަނައިގައި ޔުވެންޓަސް އޮތްއިރު، ތިނެއްގައި އޭސީ މިލާނާއި ހަތަރުވަނައިގައި އޮތް އިންޓަ މިލާނަށް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. މިލާނަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ރެކޯޑުންނެވެ.

މި މެޗުގައި ނާޕޮލީ އިން ޖެހި ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. ޑިއޭގޯ އާރްމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން މޮންޒާ އިން ރަނގަޅަށް ޑިފެންސް ކުރަމުންދިޔަނަމަވެސް، ނާޕޮލީ އިން ވަނީ 22 ވަނަ މިނެޓުގައި ލީޑްނަގައިފައެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ މަޓެއޯ ޕޮލިޓާނޯ އެވެ.

މި ގޯލާއެކު ޕޮލިޓާނޯ ވަނީ މިދިޔަ 10 ސީޒަނުގައި ލަނޑުޖެހި ތިންވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާ އާއެކު މި ރެކޯޑު ހިއްސާކުރަނީ ޓޮރީނޯގެ ފޯވާޑް، ޑުވާން ޒަޕާޓާ އާއި އޭއެސް ރޯމާގެ ފޯވާޑް، ޕައުލޯ ޑިބާލާ އެވެ.

ނާޕޮލީގެ ދެވަނަ ލަނޑު، 33 ވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖޯޖިއާ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ އެވެ. މިއީ މޮންޒާގެ ގޯލްކީޕަރު، ސްޓެފާނޯ ޓުރާޓީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ނާޕޮލީގެ ކުޅުންތެރިން ހޯދުމަށްފަހު ދިން ބޯޅައަކުން ޕެނަލްޓީ ސްޕޮޓް ކައިރިން އެއްފަހަރުން ފޮނުވާލި ހަމަލާއަކުން ކްވަރަޝްކޭލިއާ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ނާޕޮލީގެ ލީޑް ފުޅާކޮށްދޭން އެ ޓީމުގެ ބެލްޖިއަމް ފޯވާޑް، ރޮމެލޫ ލުކާކޫ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ މޮންޒާގެ ކުޅުންތެރިން ބްލޮކް ކުރިއިރު، ކޯނަރެއްގެ އެހީގައި މެކްޓޮމިނޭ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، ނާޕޮލީގެ ޖިއަކޮމޯ ރަސްޕަޑޯރީ އާއި ޑޭވިޑް ނެރޭސް އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުމެއްނުހިފުނެވެ. ހަނި އޭންގަލަކުން ރަސްޕަޑޯރީ ފޮނުވާލި ގޯލްގެ ބޭރު ދާގަނޑަށް އަމާޒުވިއިރު، އޭރިޔާބޭރުގައި ހުރެ ނެރޭސް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މި މެޗުން ބަލިވި މޮންޒާ އަށް މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. މިއާއެކު، އެ ޓީމު އޮތީ ލީގު ތާވަލްގެ ފުލުން ދެވަނައިގައެވެ. އެ ޓީމުން ވަނީ ލީގުގައި މޮޅެއްނުލިބި 15 މެޗު ފުރިހަމަކޮށްފައެވެ.

ލީގުގައި ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި މޮންޒާ ނިކުންނާނީ ރޯމާއާ ދެކޮޅަށެވެ. އަދި ނާޕޮލީ އަށް ދެން އޮތީ އަންނަ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ކޯމޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.