ޚަބަރު

ބޮކާ ޖޫނިއާސްގެ ކޯޗުގެ މަގާމުން މާޓިނޭޒް އިސްތިއުފާދީފި


އާޖެންޓީނާ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވުމާއެކު، ބޮކާ ޖޫނިއާސްގެ ކޯޗުގެ މަގާމުން ޑިއޭގޯ މާޓިނޭޒް އިސްތިއުފާދީފިއެވެ.

އުމުރުން 45 އަހަރުގެ މާޓިނޭޒް އިސްތިއުފާ ދިނީ، ލީގުގައި އެންމެ ފަހުން މިދިޔަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ބެލްގްރާނޯ އަތުން 2-0 އިން ބަލިވި މެޗަށްފަހު އެވެ.

އާޖެންޓީނާ ލީގުގެ ޗެމްޕިއަންކަން 35 ފަހަރު ހޯދާފައިވާ ބޮކާގެ ކޯޗުކަމާ މާޓިނޭޒް ހަވާލުވީ މިދިޔަ ޖަނަވަރީ މަހުގައެވެ. އޭގެކުރީން، އޭނާ ވަނީ ބޮކާގެ އެކި އުމުރުފުރާގެ ޔޫތު ޓީމުތަކަށް އިރުޝާދު ދީފައެވެ.

މާޓިނޭޒް ވަނީ، އެ މަގާމުން އިސްތިއުފާ ދީފައިވާކަން އެ ކްލަބުގެ ރައީސް، ހުއާން ރޯމަން ރިކުއެލްމޭ އަށް އަންގާފައެވެ. އަދި އޭނާ އަށް ކޯޗުގެ މަގާމު އަދާކުރުމުގެ ފުރުޞަތު ދިނުމުން އެކަމާ ރިކުއެލްމޭ އަށް ޝުކުރު ވެސް އަދާކޮށްފައެވެ.

ބޮކާގެ ރައީސްކަން މިހާރު ކުރަމުންއަންނަ، ރިކުއެލްމޭ އަކީ އާޖެންޓީނާގެ ގައުމީ ޓީމާއި، ބާސެލޯނާ އަދި ވިޔަރެއާލަށް ކުޅެފައިވާ ހުނަރުވެރި މިޑްފީލްޑަރެކެވެ. ބޮކާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެފައިވާއިރު، ރިކުއެލްމޭ ވަނީ އެ ކްލަބުން ނެރެމުން އަންނަ ދަށް ނަތީޖާތަކަށް ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

މި ފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން ބޮކާ މޮޅުވެފައިވަނީ އެންމެ ހަ މެޗުންނެވެ. މިއާއެކު، ބޮކާ އޮތީ ތާވަލްގެ 12 ވަނައިގައެވެ. އެ ޓީމު ވަނީ މި ފަހަރުގެ ކޮޕާ ޑެ ލަ ލީގާ އާއި ކޮޕާ ސުޑަމެރިކާނާ އިން ވެސް ކަޓައިފައެވެ.

ބޮކާ ދެން ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ އާޖެންޓީނޯސް ޖޫނިއާސްއާ ދެކޮޅަށެވެ.