ޚަބަރު

މަސްވެރިންނަށް 17.3 މިލިޔަން ރުފިޔާ ދޫކޮށްފި


  • މިދިޔަ މަހުގެ 24 އިން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދޭންޖެހޭ ފައިސާ

  • މިހާތަނަށް މަސްވެރިންނަށްވަނީ ޖުމްލަ 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައި

މިފްކޯއަށް މިސްކިރުވާފައިވާ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ހަލާސްކޮށްފިއެވެ.

މިފްކޯއިން ވިދާޅުވީ މަސްވެރިން ކިރުވި މަހަށް ދޭންޖެހިފައިވާ 17.3 މިލިޔަން ރުފިޔާ މިހާރު ދޫކޮށްފައިވާކަމަށެވެ. މިފްކޯއިން ވިދާޅުވީ މިއީ މިދިޔަ މަހުގެ 24 އިން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރުވާފައިވާ މަހަށް މަސްވެރިންނަށް ދޭން ޖެހިފައިހުރި ފައިސާކަމަށެވެ.

ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީހުރި ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ އެހީއާއެކު މިފްކޯއިން ވަނީ މީގެކުރިން ދައްކާ ޚަލާސްކޮށްފައެވެ. ސަރުކާރުން މިހާތަނަށް މަސްވެރިންނަށްވަނީ ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. އަދި މަސްވެރިން ކިރުވާ މަހަށް ގަވާއިދުން ފައިސާ ދެއްކުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މިދިޔަ ޖުލައި މަހުން ފެށިގެން މިފްކޯއިން މަސްވެރިންއަތުން މަސް ގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނެ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސަވާ އަގެއްގައެވެ. މިފްކޯއިން ވިދާލުވެފައިވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.