ޚަބަރު

މެދުއިރުމަތީގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ތައްޔާރީ ހާލަތުގައި


މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަން ނިންމައި, އެ ސަރަޙައްދުގައި މިހާރުވެސް ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަން އެ ޤައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ. އެމެރިކާއިން މި ކަން ހާމަކޮށްފައި ވަނީ, މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދީފާނެ ޙަމަލާއަކާ ދެކޮޅަށް އިންޒާރު ދިނުމަށް ފަހުއެވެ. މެދުއިރުމަތީގެ މަސްރަޙު ގޯސްވެފައި ވަނީ ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކާ ގުޅިގެންނެވެ. ޔަމަނަށް ވެސް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ ބޮންއަޅަމުންނެވެ.

ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ޢަދަދު އިތުރުކޮށް, އެމެރިކާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތަކަށް ގެނައުމަށް ރައީސް ޖޯ ބައިޑަން ވަނީ އަމުރު ކުރައްވާފައެވެ. ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މީގެ ކުރިން ވެސް އެމެރިކާއިން މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވާފައިވާއިރު, މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ބޭނުން ކުރަމުން ދަނީ އެމެރިކާއިން ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކެވެ.

މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަން ބައިޑަން ނިންމަވާފައި މި ވަނީ, ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ސެޕްޓެންބަރު 28ވަނަ ދުވަހު ވެރިރަށް ބައިރޫތަށް ބޮންއަޅައި, އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އެ ކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ދީފައެވެ.

"އީރާނާއި, އެ ޤައުމާ ގުޅުން އޮތް ޖަމާޢަތްތަކުން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސް ކުރަން އަޅާފާނެ ކޮންމެ ފިޔަވަޅެއް ހުއްޓުވަން އެމެރިކާއިން އޮތީ ތައްޔާރަށް،" އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަންގެ ތަރުޖަމާނު ޕެޓްރިކް ރައިޑަރ ވިދާޅުވިއެވެ. މި ދަނޑިވަޅުގައި, އީރާނާއި އެކްސިސްގައި ހިމެނޭ ޖަމާޢަތްތަކުން މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަށް އަމާޒުކޮށް ޙަމަލާތަކެއް ދިނުމުގެ ބިރު އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "އެމެރިކާގެ ރައްޔިތުން ދިފާޢު ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުގަނޑުމެން އަޅާނަން،" އޭނާ ވިދާޅުވިއެވެ.

މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ނިންމާފައިވާ ކަން ޕެންޓެގަނުން ހާމަކޮށްފައިވީ ނަމަވެސް, ފޮނުވާނެ ސިފައިންގެ ޢަދަދާއި, ހަތިޔާރުތަކުގެ މަޢުލޫމާތު ސާފުކޮށްދީފައެއް ނެތެވެ. ޕެންޓެގަނުން ނެރުނު ބަޔާނެއްގައި ބުނީ "ދިފާޢީ ގޮތުން ބޭނުން ކުރާ ވައިގެ-އެހީގެ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ފިޔަވަޅުތަކެއް އަޅާނެ" ކަމުގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 6,000އަށްވުރެ އިތުރުވެފައެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ލުބްނާނުން ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އަރައެވެ.

ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި 105 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރެއިން 32 މީހުން ޝަހީދު ކޮށްލާފައި ވަނީ ލުބްނާންގެ ދެކުނުގައި އޮތް ޢައިން ދޮލްބުންނެވެ. އަދި, އިރުއުތުރުގައި އޮތް ބަޢަލަބަކް-އަލް-ހިރްމުލުން އިތުރު 33 މީޙުން ޝަހީދު ކޮށްލާފައިވާ ކަމަށާއި, ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 14 މީހުން ޝަހީދު ކޮށްލާފައިވާ ކަން އެ ވުޒާރާއިން ހާމަކުރިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު, ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ, ޙިޒްބުاللهގެ ނަޞްރުالله ޝަހީދުކޮށްލުމާ ގުޅިގެން އެ ޖަމާޢަތުން އަޅަމުންދާ ފިޔަވަޅުތައް އެމެރިކާއިން ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. އަދި, ނަޞްރުالله ޝަހީދުކޮށްލުމަށް ފަހު ދެން އަމަލު ކުރާނެ ގޮތަކާ މެދު ޒަޔަނިސްޓުންނާ މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

އެމެރިކާގެ އިސްތިޢުމާރީ ސިފައިން މިހާރު ވެސް ދަނީ ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވަމުންނެވެ. މި މަހުގެ ތެރޭގައި އެމެރިކާގެ ސިފައިން ސޫރިޔާގެ ރަށްތަކަށް ދިން ނުރައްކާތެރި ވައިގެ ޙަމަލާތަކެއްގައި 37 މީހުން މަރައިލިއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ, އެއީ ނިރުބަވެރި ޖަމާޢަތަކަށް ނިސްބަތްވާ ބަޔެއް ކަމުގައެވެ. މަރައިލާފައިވާ މީހުންގެ ތެރޭގައި ޙުއްރާސް އަލް-ދީން ކިޔާ މީހަކު ހިމެނޭ ކަމަށާއި, އެއީ ނިރުބަވެރިންގެ ޖަމާޢަތް, އައިއެސްގެ އިތުރު އަލް-ޤާޢިދާގެ އިސް ކޮމާންޑަރެއް ކަމުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާގެ މައި އިދާރާ (ސެންޓްކޮމު)ން ބުނީ, ސެޕްޓެންބަރު 16 އަދި 24ވަނަ ދުވަހު އެމެރިކާގެ ސިފައިން ސޫރިޔާގެ ދެ ރަށަކަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ދީފައިވާނެ ކަމުގައެވެ. އެ ޙަމަލާތަކުގައި ޢާންމުންގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައި ނެތް ކަމުގައި ވެސް އެމެރިކާއިން ބުންޏެވެ.