ޚަބަރު

ވޮލީ ރެފުރީންނާއި ހޭންޑްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި


ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވޮލީބޯޅަ ރެފުރީންނާއި ހޭންޑްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ކޯހެއް ބޭއްވުމަށް ހަމަޖައްސައި، އެކަމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ވުޒާރާއިން މައުލޫމާތުދޭ ގޮތުން ބޭސިކް ހޭންޑްބޯލް ކޯޗިން ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުން ފަށައިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ހއ. ކެލާގައެވެ. މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާ އާއި، މޯލްޑިވްސް އިންސިޓިއުޓް އޮފް ސްޕޯރޓް އާއި، ހޭންޑްބޯލް މޯލްޑިވްސް އަދި ކެލާ ޔޫތު ފޯރަމާ ގުޅިގެންނެވެ. މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އަނެއް ކޯހަކީ ހއ. ހޯރަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ ރެފުރީން ތަމްރީނުކުރުމުގެ ޕްރޮގްރާމެވެ. މި ތަމްރީން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފަށައިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާ އާއި، މޯލްޑިވްސް އިންސިޓިއުޓް އޮފް ސްޕޯރޓް އާއި، ހޯރަފުށީ ކައުންސިލާއި، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގުޅިގެންނެވެ. މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 3 އަށް ހަމަވާނެއެވެ.

މި ދެ ކޯހުގެ މައުލޫމާތާއި، ކޯހަށް ކުރިމަތިލުމުގެ ފޯމު ވުޒާރާގެ ފޭސްބުކް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.