ޚަބަރު

އެއްގަމު މަގުން އަރައި ޔަހޫދީން ދީފާނެ ޢުދުވާނީ ޙަމަލާއަކަށް ޙިޒްބުالله ތައްޔާރު


ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެއްގަމު މަގުން ލުބްނާނަށް އަރައި, ލާއިންސާނީ ޖަރީމާތައް ފުޅާ ކުރަން ތައްޔާރުވެފައިވާ ދަނޑިވަޅުގައި އެ ކަމަށް ތައްޔާރަށް އޮތް ކަން އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ހާމަކޮށްފިއެވެ. ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އެ ޖަރީމާތައް ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް އަހަރު ދުވަސް ފުރުމާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ މައުސޫމު ކުޑަކުދިން ހިމެނެއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ 136 މީހުން ޝަހީދު ކޮށްލާފައެވެ. އަދި, ޢުދުވާންތައް ފެށި ފަހުން ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 6,000އަށްވުރެ އިތުރުވެފައެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ލުބްނާނުން ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އަރައެވެ.

އެ ޢުދުވާނުގެ ދަށުން ސެޕްޓެންބަރު 28ވަނަ ދުވަހު ލުބްނާންގެ ވެރިރަށް ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓުގައި ޢާންމުން ދިރިއުޅޭ ގެދޮރަށް ޔަހޫދީ ފައުޖުން ދިން ފަނާކުރަނިވި ނިރުބަވެރި ޙަމަލާތަކެއްގައި, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލިއެވެ. ނަޞްރުالله ޝަހީދު ކޮށްލި ފަހުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އޭނާގެ ނައިބު ނަޢީމް ޤާސިމް ވިދާޅުވީ, އެއްގަމު މަގުން ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީން ތައްޔާރުވެފައިވާއިރު, އެ މީހުންނާ ކުރިމަތިލާން ޙިޒްބުاللهން ވެސް ތައްޔާރީ ހާލަތެއްގައި އޮތް ކަމުގައެވެ.

"ކޮންމެ ފަދަ ހާލަތަކާ ވެސް ކުރިމަތިލާން ޖެހިދާނެ, އަދި އެއްގަމު މަގުން [ލުބްނާނަށް] އަރައި ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީ ފައުޖުން ނިންމައިފި ނަމަ, އަޅުގަނޑުމެންގެ ލަޝްކަރުން އޮތީ އެ ކަމަށް ތައްޔާރަށް،" ޔަހޫދީންގެ އަނިޔާވެރި މަޤުޞަދުތައް ފޭލުކޮށްލާނެ ކަމުގެ އިންޒާރު ދެއްވަމުން ޤާސިމް ވިދާޅުވިއެވެ.

ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން މިހާރު ދަނީ ލުބްނާނަށް އެއްގަމު މަގުން އަރައި ޢުދުވާންތައް ފުޅާ ކުރަން ތައްޔާރުވަމުންނެވެ. މި ގޮތުން, ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ޔަހޫދީ ފައުޖުން ވަނީ އެތަކެއް ސަތޭކަ ހާސް ނިރުބަވެރި ސިފައިން ޖަމާކޮށްފައެވެ. އަދި, ގިނަ ޢަދަދެއްގެ އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ފޮނުވާފައެވެ.

ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ މެދުކެނޑުމެއް ނެތި ލުބްނާންގެ ރަށްތަކަށް ބޮންއަޅަމުންނެވެ. ޢާންމުން ދިރިއުޅޭ ގެދޮރަށް ވައިގެ ޙަމަލާތައްދީ ސުންނާފަތި ކުރަމުންނެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ, ސެޕްޓެންބަރު 30ވަނަ ދުވަހު ޔަހޫދީ ފައުޖުން ލުބްނާންގެ އިޠާރަށް ދިން ޙަމަލާތަކެއްގައި އެ ޖަމާޢަތުގެ ކޮމާންޑަރެއް ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ލުބްނާންގައި ހުންނަވާ ޙަމާސްގެ ވެރިޔާ ފާތިޙު ޝަރީފް އަބޫ އަލް-ޢަމީނާއި އޭނާގެ އަނބިމީހާއާއި ދެ ދަރިން ޝަހީދު ކޮށްލިއެވެ. ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ އެހެން ޖަމާޢަތެއް ކަމުގައިވާ ޕޮޕިޔުލަރ ފްރަންޓް ފޯ ދި ލިބެރޭޝަން އޮފް ޕަލަސްޓަޔިން (ޕީއެފްއެލްޕީ)ން ވެސް ވަނީ އެ ޖަމާޢަތުގެ ތިން ކޮމާންޑަރުން ޝަހީދު ކޮށްލާފައިވާ ކަން ހާމަކޮށްފައެވެ.

މި ޙަމަލާތަކާ ގުޅިގެން އީރާނުން އަނެއްކާ ވެސް މި ވަނީ ޔަހޫދީންނަށް އިތުރު އިންޒާރެއް ދީފައެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީ ވިދާޅުވީ, ބައިރޫތަށް ދިން ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ނަޞްރުاللهގެ އިތުރުން އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާންގެ މަރުގެ ބަދަލު ހިފާނެ ކަމުގައެވެ.