ޚަބަރު

ދޮށީ އުމުރުގެ މީހުންގެ ވާހަކަތަކާއި ހުނަރުތައް ޙިއްސާކުރެވޭނެ މާހައުލެއް ޤާއިމުކުރާނަން: ޢާއިލާތަކާބެހޭ ވަޒީރު


  • ވަޒީރު ވިދާޅުވީ އަތޮޅުތަކުގައި ނާދީތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް

  • އިސްރަށްވެހިންގެ ތަޖުރިބާ މިއަދުގެ ޖީލަށް ފޯރުކޮށްދޭނެކަމަށް ވިދާޅުވި

ދޮށީއުމުރުގެ އާބާދީއަކީ ދުޅަހެޔޮމާއި އުފާވެރި، އާބާދީއެއްކަން ކަށަވަރުކުރުމާއެކު، އެ މީހުންގެ އަގު ވަޒަންކުރުމާއި އެމީހުންގެ ހުނަރުތައް ގެއްލުނަ ނުދީ އެ ވާހަކަތައް ހިއްސާކުރެވޭނެ ފަހި ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ސަރުކާރުން ކުރައްވަމުންގެންދަވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމް ވިދާޅުވީ އިސްރަށްވެހިންނަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީގޮތުންވެސް ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ޢަމާޒުކަމަށެވެ. ރާއްޖޭގެ އާބާދީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އާބާދީގެ %5 ނުވަތަ އާބާދީގެ 20،000އަށްވުރެ ގިނަ މީހުންނަކީ ދޮށީ އުމުރުގެ މީހުންނެވެ.

ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަކީ އިއްޔެގެ ޚިދުމަތްތެރިކަމަށާއި ކަންކަން ފަހިކުރުމުގެ މޭސްތިރިންގެ ގޮތުގައި ތިބި ތަޖުރިބާކާރުންކަމަށެވެ. އެމީހުން ކޮންމެ މީހަކާވެސް ބައްދަލުކުރާނެ ހަޔާތުގެ ފޯވައްސެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކަމަށް ތައްޔާރުވެ އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކު އުޅޭ ބަޔަކަށް ނުވަތަ އެފަދަ މުޖުތަމަޢުއަކަށް މި މުޖުތަމަޢު ބައްޓަންކުރަންޖެހޭކަމަށެވެ.

ވަޒީރު ވަނީ މިހާރުވެސް ދޮށީއުމުރުގެ މީހުންނަށް ޢާއިލާތަކާ މުޖުތަމަޢު އަދި ޖަމްޢިއްޔާ ޖަމާޢަތްތަކުން ދެމުންދާ ލޯތްބާ އަޅާލުން ފާހަގަކުރައްވާފައެވެ.

"ދޮށީއުމުރުގެ އާބާދީއަކީ ދުޅަހެޔޮ އުފާވެރި، އާބާދީއެއްކަން ކަށަވަރުކުރުމާއެކު، އެ މީހުންގެ އަގު ވަޒަންކުރުމާއި، އެމީހުންގެ ހުނަރުތައް ގެއްލުނަ ނުދީ، އުފާވެރި މާހައުލެއްގައި އެމީހުންގެ ތަޖުރިބާތަކާއި ވާހަކަތައް ހިއްސާކުރެވޭނެ ފަހި ފުރުސަތުތައް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އިސްރަށްވެހިންގެ ނާދީގެ ގޮތުގައި މަރުކަޒެއް ޤާއިމްކޮށްދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރަން." އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އުންމީދަކީ އިސްރަށްވެހިންގެ ނާދީއާއި އެ ނޫންވެސް އެކި ޕްރޮގްރާމުތަކުގެ ތެރެއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރެވޭ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެނި އިސްރަށްވެހިންނަކީ ހުރިހާގޮތަކުން ދުޅަހެޔޮ، ކަންކަމުގައި ޝާމިލުވެ އުޅޭ ބަޔަކަށް ވެގެންދިއުންކަމަށް ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ.

އުމުރުން ދުވަސްވަމުންދާއިރު، ދުޅަހެޔޮކަންމަތީގައި ދެމި ތިބުމަށް ކެއިން ބުއިމާއި، ކަސްރަތުކުރުމުގެ އިތުރުން އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަންދޭންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޢާއިލާތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ ސިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދީ، އެމީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ލޯތްބާ އަޅާލުމާ އޯގާތެރިކަން އަބަދުމެ ދޭންޖެހޭކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.