ޚަބަރު

ތަޅާފޮޅުމާއި ހަމަނުޖެހުން ހުއްޓުވުމަށް ގާނދީގެ ފަލްސަފާ މިއަދު ބޭނުންކުރެވިދާނެތަ؟


  • ނޮން ވަޔަލެންސް ދުވަހަކީ އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާނދީގެ އުފަންދުވަސް

  • މި ދުވަސް ފާހަގަކުރަނީ ހަމަނުޖެހުންތަކަށް ތަޢުލީމާއި ހޭލުންތެރިކަމުގެ ތެރެއިން ޙައްލު ގެނައުމަށް

މިނިވަންކަމާއި ހަމަޖެހުމާއި އަމާންކަމާއެކު އުޅުމުގެ ޙައްޤު ދުނިޔޭގެ ކޮންމެ ބަޔަކަށްވެސް ލިބިގެންވެއެވެ. އެހެންނަމަވެސް މިޙައްޤުތައް ކަށަވަރުކުރުމަށް މި ހިނގާ 21 ވަނަ ޤަރުނުގައިވެސް ވަކާލާތުކޮށް ޙައްޤު ހޯދުމަށް މަސައްކަތް ކުރަން ޖެހިފައިވާކަމީ މިއީ ފެންނަން އޮތް ޙަޤީޤަތެކެވެ.

އަމާންކަމާއި ސުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ކޮޅެއްގައި ނުޖެހޭކަން ފާއިތުވި ޤަރުނެއްގެ ތެރޭގައިވަނީ ފެނި ހާމަވެފައެވެ. އެހެންކަމުން ދުނިޔޭގައި ސުލްޙަ ޤާއިމުކޮށް ތަޅާފޮޅުމާއި ހަމަނުޖެހުން ނައްތާލުމަށް މަސައްކަތް ކުރާ ދުވަހެއް މިވަނީ އދ.އިން ކަނޑައަޅާފައެވެ. އެއީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަސް ތަޅާފޮޅުންތަކާއި ހަމަނުޖެހުންތަކާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަސް ނުވަތަ ނޮން ވަޔަލަންސް ދުވަހުގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ، 2007 ވަނަ އަހަރުގެ ތެރޭގައެވެ. މިދުވަސް ފާހަގަކުރުމުގައި އެންމެ ބޮޑަށް ބާރުއަޅަނީ ތަޢުލީމާއި ހޭލުންތެރިކަމުގެ ތެރެއިން ހަމަޖެހުން ޤާއިމުކުރުމަށެވެ.

މިދުވަސް ނިސްބަތްކުރަނީ ފަހުގެ ތާރީޚެއްގައި ޤައުމެއްގައި މިނިވަންކަމާއި އަމާންކަމާއި ސުލްޙަ ޤާއިމުކުރުމަށް ކުރެވުނު މަސައްކަތަށެވެ. އެގޮތުން އަވައްޓެރި އިންޑިއާގައި އޭރު އޮތް ތަޅާފޮޅުމާއި ހަމަނުޖެހުމާއި ދެކޮޅަށް އެޤައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާގާނދީ ކުރެއްވި އިންޤިލާބީ މަސައްކަތް ބަލައިގަނެ އެކަން ފާހަގަކުރުމަށްޓަކައި މިދުވަސް ފާހަގަކުރުމަށް އދ.އިން ކަނޑައަޅާފައިވަނީ މަހާތުމާގާނދީގެ އުފަންދުވަހާ ގުޅުވައިގެންނެވެ.

ހަމަޖެހުމާއި އަމާންކަމުގެ ވާހަކަ މިފަދަ ދުވަހެއްގައި ދައްކާއިރު، ދުނިޔޭގެ އެތައް މިތަނުގައި ހަނގުރާމައާއި ތަޅާފޮޅުންވަނީ ހައްދުން ނައްޓާފައެވެ.

ބައެއް ޤައުމުތަކުގެ މިނިވަންކަން ގެއްލިފައިވާއިރު އެތައް ރައްޔިތެއްގެ ޤައުމާއި ވަޠަންވަނީ ފޭރިގަނެވިފައެވެ. އަމިއްލަ ގެދޮރާއި ކާބަފައިގެން މުދާވަނީ ޖަހައިގަނެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގެ އަދާހަމަ ބަލަހައްޓަމުން އަންނަ މިނިވަން އިދާރާއެއްކަމުގައިވާ، ޖެނީވާ އެކަޑަމީ އޮފް އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އެންޑް ހިއުމަން ރައިޓްސްއިން ހާމަކުރައްވާގޮތުގައި 114 އަށްވުރެ ގިނަ ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ ގާނދީގެ ފަލްސާފާގެ ދަށުން މިއަދުގެ ޙާލަތުގައި މަސައްކަތް ކުރުމުން ނަތީޖާ ނުކުމެދާނެތޯ އުފެދޭ ސުވާލެވެ. ހަތިޔާރާއި ބޮމާއި މިސައިލުތައް ހުއްޓުވުމަށް ތަޢުލީމާއި ހޭލުންތެރިކަމުގެ ބޭނުން މިއަދު ކުރެވިދާނެތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

މިގޮތުން އެންމެ ބޮޑު ހަނގުރާމައަކާއި ބޭއިންސާފު އޮތް ސަރަޙައްދަކީ ފަލަސްޠީނެވެ. އިސްރާއީލުން 1948 ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެތައް މިލިޔަން ބައެއްގެ ފުރާނައާއި ގެދޮރުވަނީ ގެއްލިފައެވެ. ތުއްތު އެތައް ކުދިންނެއްގެ ބޮލަށް ބޮން އަޅަމުންދަނީ އަމިއްލަ ޤައުމުގެ ދިފާއުގައިކަމަށް ބުނެއެވެ.

ފަލަސްޠީނުގެ އިތުރުން، ސޫދާނާއި މެދުއިރުމައްޗާއި އޭޝިއާގެ ޤައުމުތަކުގައާއި، ރަޝިޔާ ޔޫކްރެއިން ހަނގުރާމާއިގައި ކުށެއް ނެތް އެތައް ބަޔަކު މަރުވަމުންދާއިރު މިހަމަނުޖެހުންތައް ހުއްޓުވުމަށް މަސައްކަތް ކުރަންޖެހެއެވެ. އެހެންނަމަވެސް މިދުވަސް ފާހަގަކުރަމުންދާއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހަމަނުޖެހުންތައް ކުޑަވުމުގެ ބަދަލުގައި ކަންކަން އިތުރަށް ގޯސްވަމުންދާކަމުގެ ކަންބޮޑުވުމެވެ.