ޚަބަރު

ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ އިޤްތިޞާދަށް ކޮންމެހެން މުހިންމު ނިންމުމެއް: ވަޒީރު ޑރ. މުއްޠަލިބު


  • މިއީ ކުރީ ސަރުކާރުތަކުން ގަބޫލުކުރި، ނަމަވެސް އަމަލުނުކުރެވި އޮތް މުހިންމު ނިންމުމެއް

  • ޑޮލަރުގެ ރަނގަޅު ރިޒާވެއް ހުރުން މުހިންމު

ރާއްޖޭގެ ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ ރާއްޖޭގެ އިޤްތިޞާދަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ނިސްބަތް އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާގޮތަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ތަޢާރަފުކުރި ދެ ޤަވާއިދާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެމްއެމްއޭއިން އާންމުކުރި ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ވަންނަ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުމަށް ލާޒިމް ކުރެއެވެ. އެގޮތުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލައި، އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ޤަވާއިދުގައި ވަނީ ހިމަނުއްވާފައެވެ.

މި ޤަވާއިދުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 60 އިންސައްތަ ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ޑިމާންޑާއި އެއްވަރަށް ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ރީއެލޮކޭޝަން ނިޒާމެއް ޤާއިމް ކުރުން ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

މީގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދޭނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

މި ގަވާއިދާ ގުޅިގެން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ކުރީ ސަރުކާރުތަކުންވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރި ކަމެއް ކަމަށެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް މިހާތަނަށް މި ނިންމުން ނިންމެވިފައިނުވާ ކަމަށާއި ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ޑޮލަރު ހިފެހެއްޓުން ވަރަށް މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.


ވަޒީރު ވިދާޅުވީ ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ ރާއްޖެ އެތެރެކުރާ މުދަލަށް ފައިސާ ދެއްކުމާއި ބޭރުގެ ދަރަނި ދެއްކުމާއި ކާޑު ސެޓްލްމަންޓް ހެއްދުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއި، އެމެރިކާ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ޑޮލަރުގެ ރަނގަޅު ރިޒާވެއް ހުރުމުން މުދަލުގެ އަގު ކޮންޓްރޯލް ކުރެވި މާލީގޮތުންނާއި އިޤްތިޞާދީގޮތުން ޤައުމަށް ހަމެޖެހުން އަންނާނެ ކަމަށްވެސް ވަޒީރުގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފަތުރުވެރިކަންފަދަ އިޤްތިޞާދީ ދާއިރާތައް ކުރިއަރައިގެންދިއުމަށް ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުން މުހިންމު ކަމަށާއި ފާއިތުވި އަހަރުތަކުގައި މިފަދަ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ހާމަވެގެންގޮސްފައިވާ ކަމަށްވެސް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.