ޚަބަރު

މި އަހަރަކީ އެންމެ ގިނަ ކުދިން މުދައްރިސުންގެ ކޯސްތަކަށް ވަންނާނެ އަހަރު: ތަޢުލީމީ ވަޒީރު


  • ތައުލީމީ ނިޒާމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުދައްރިސުންގެ ދަތިކަން

  • ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮންމެ 8 ދަރިވަރަކަށް މުދައްރިސެއް ކިޔަވާދެމުން ދޭ

  • 130 ކުދިން މި އަހަރު އަލަށް މިވަނީ ޓީޗިން ހެދުމަށް ފާހަގަކުރެވިފައި

ފާއިތުވި އަހަރުތަކާއި އަޅަބަލާއިރު މި އަހަރަކީ އެންމެ ގިނަ ކުދިން މުދައްރިސުކަމުގެ ކޯހަށް ވާންނާނެ އަހަރުކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މުދައްރިސުންގެ ބައިނަލްއަޤްވާމީ 7 ވަނަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުންނެއެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ތައުލީމީ ނިޒާމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުދައްރިސުންގެ ދަތިކަންކަމަށެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޑރ. ޝަަފީއު ވިދާޅުވީ މިހާރު ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮންމެ 8 ދަރިވަރަކަށް މުދައްރިސެއް ކިޔަވައިދެމުން ދާކަމަށެވެ.

މާލެ ސަރަހައްދުގައި ކޮންމެ 18 ނުވަތަ 19 ދަރިވަރަކަށް މުދައްރިސެއް ކިޔަވައިދެމުންދާއިރު އަތޮޅުތަކުގައި ކޮންމެ 6 ދަރިވަރަކަށް ނުވަތަ 2 ދަރިވަރަކަށް މުދައްރިސަކު ކިޔަވައިދެމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިއީ މި ސަރަޙައްދުގެ އެެއްވެސް ޤައުމެއްގައި މުދައްރިސުން ކިޔަވާ ދެމުން ނުދާ ވަރެއްކަމަށެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާވަރަށް މުދައްރިސުން މަސައްކަތް ކުރާއިރުވެސް އަބަދުވެސް މުދައްރިސުންގެ ދަތިކަން ކުރިމަތިވާކަމަށެވެ. އެގޮތުން ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ސްޕެޝަލައިޒް މުދައްރިސުންނަށް ބެލިކަމުގައި ވީނަމަވެސް 250 އެއްހާ މުދައްރިސުން މަދުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދޭ މުދައްރިސުންވެސް ނިސްބަތުން މަދުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، ގްލޯބަލް ޕާޓްނަޝިޕް ފޯރ އެޑިޔުކޭޝަން، ޖީޕީއީއާއެކު ކުރެވުނު މަސައްކަތުން ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް 5 މިލިޔަން ޑޮލަރު އެހީގެ ގޮތުގައި ހޯދިފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ މުދައްރިސުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް މި އެހީއިން އެކަށީގެންވާ ޢަދަދެއް ކަނޑައަޅާފައިވާކަމަށެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހިނގުމަށް ތަޢުލީމީ ވުޒާރާގެ ޓީމުތަކުން ކުރި މަސައްކަތުން މި އަހަރު އަމާޒު ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މުދައްރިސުން ކޯސްތަކަށް ވަންނަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ޕްރޮގްރާމް ހިނގުމަށް މިނިސްޓްރީގެ ޓީމުތަކުންނާއި އަޅުގަނޑުމެން އޭލެވެލް ސުކޫލްތަކުން ކުރެވުނު މަސައްކަތުން އަޅުގަނޑުމެން މި އަހަރު ޓާގެޓް ކަނޑައަޅާފައިވާ 120 ކުދިންނަށް ވުރެ ގިނައިން 130 ކުދިން މި އަހަރު އަލަށް މިވަނީ ޓީޗިން ހެދުމަށް ވަދެފައި. މިއީ މިދިޔަ އަހަރުތަކާ އަޅާ ބަލާއިރު އެންމެ ގިނަ ކުދިން މުދައްރިސުންގެ ކޯސްތަކަށް ވަންނާނެ އަހަރު." ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މުދައްރިސުންގެ އަގުވަޒަން ކުރެވިގެން ނޫނީ ކިޔަވައިގެން ނިކުންނަށް ކުދިންގެ ޝަޢުގުވެރިކަން މި ދާއިރާއަށް ނުއުފެއްދޭނެކަމަށެވެ.

އެގޮތުން ދުނިޔޭގެ އެންމެ ރަނގަޅު އެޑިޔުކޭޝަން ސިސްޓަމްތައް ޤާއިމުވެފައި އޮތީ މުދައްރިސުންގެ އަގު އެންމެ ރަނގަޅު ގޮތުގައި އަދާ ކުރާ ޤައުމުތަކުގައިކަމަށް ބައިނަލްއަޤްވާމީ ދިރާސާތަކުން ދައްކާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ދަރިވަރުންނަށާއި ބެލިވެރިން އަދި އެންމެހާ ރައްޔިތުންނަށް ރާއްޖޭގެ ތަޢުލީމީ ނިޒާމް ކުރިއަރުވަން ބޭނުންނަމަ މުދައްރިސުންގެ އަގުވަޒަން ކުރުމަށް އެދިވަޑައިގެންފައެވެ.