ޚަބަރު

ޕީއެސްޖީގެ މައްޗަށް އާސެނަލްއިން ކުރި ހޯދައިފި


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު މެޗަކުން އާސެނަލް މޮޅުވެއްޖެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލް އިން ވަނީ މެޗު ފަށައިގެން ވަރަށް ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

ޕީއެސްޖީގެ ފޯވާޑް ޑެމްބެލޭ އާއި ކޯޗް އެންރީކޭ އާއި ދެމެދު ޖެހުނު މައްސަލައިގެ ސަބަބުން އޭނާ ނުލާ ޕީއެސްޖީން ކުޅުނު މި މެޗުގެ ވިހިވަނަ މިނިޓުގައި އާސެނަލް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލިއަންދްރޯ ޓްރޮސާޑް ނަގައިދިން ހުރަސް ކައި ހަވަޓްޒްގެ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އަދި އޭގެ 15 މިނިޓް ފަހުން އާސެނަލް އަށް ލިބުނު ހިލޭ ޖެހުމަކުން ބުކަޔޯ ސަކާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފްގައި ޕީއެސްޖީ އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް އާސެނަލްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އަދި ނޫނޯ މެންޑޭސް އާއި ޖޮއާއޯ ނެވެސް ފޮނުވާލި ދެ ހަމަލައެއް ވަނީ އާސެނަލްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ޕީއެސްޖީގައި ކުރިން ތިބި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ޓީމު ދޫކޮށް ފާއިތުވެދިޔަ ދުވަސްތަކުގައި ގޮސްފައިވާއިރު, ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން އެ ޓީމުން ދަނީ އާ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަނެއްކޮޅުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލް އިން ރަގަޅު ނަތީޖާތަކެއް ހޯދަމުންދާއިރު އޭނާ ވަނީ ރޭގެ މެޗުގައި އެ ޓީމާއި އަލަށް ގުޅުނު މިކެލް މެރީނޯ އަށް ފުރަތަމަ ފަހަރަށް ކުޅެން ފުރުސަތު ދީފަ އެވެ.