ޚަބަރު

އަޑެޔޭމީގެ ހެޓްރިކާއެކު ސެލްޓިކް ކޮޅަށް ޑޯޓްމަންޑްއިން ހަތް ލަނޑު ޖަހައިފި


ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސެލްޓިކް އާއި ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗު 7-1 ގެ ނަތީޖާއަކުން ޑޯޓްމަންޑް އިން ކާމިޔާބުކޮށްފި އެވެ.

ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗުން ސެލްޓިކް ބަލިވުމުން އެ ޓީމު ވަނީ މި ސީޒަނުގައި މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ނިމުމަކަށް އައިސްފަ އެވެ.

މި މެޗުގައި ޑޯޓްމަންޑް އިން ސެލްޓިކްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 7 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެމްރޭ ކޭން އެވެ. ނަވެސް އޭގެ ދެ މިނިޓް ފަހުން ސެލްޓިކްގެ ޖަޕާން މިޑްފީލްޑަރ ޑައިޒެން މައެޑާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނަމަވެސް ދެން ފެނިގެންދިޔައ ޑޯޓްމަންޑްގެ ފަރާތުން ސެލްޓިކްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް އަމާޒުވެގެންދިޔަ ތަނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފްގައި ކަރީމް އަޑެޔޭމީ ވަނީ ތިން ލަނޑު ޖަހާ ހެޓްރިކެއް ހަދާފަ އެވެ. އޭނާ މި ހެޓްރިކް ހަދާފައިވަނީ އެންމެ 31 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

އަދި މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ޑޯޓްމަންޑްގެ ސާހޯ ގުރެސީ ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ސެލްޓިކްގެ އަލިސްޓެއަރ ޖޯންސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ގުރެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މި މެޗުގައި ޑޯޓްމަންޑް އިން ޖެހި ހަތްވަނަ ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފެލިކްސް އެންމޭޗާ އެވެ.

މި ނަތީޖާއާއިއެކު ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު ޑޯޓްމަންޑް ވަނީ ލީގުގެ އެއްވަނައިގައެވެ. ލެވަކޫސަން އާއި ބްރެސްޓް ވެސް ކުޅުނު ދެ މެޗު ކާމިޔާބުކޮށް ޕޮއިންޓް ހޯދާފައިވާއިރު ޑޯޓްމަންޑް އަށް އެއްވަނަ ލިބިފައިވަނީ ފައިދާ 9 ގޯލާ އެކުގައެވެ.