ޚަބަރު

ޗެމްޕިއަންސް ލީގުގެ މެޗަށް އިންޑިއާގެ މޯހަން ބަގާނުން އީރާނަށް ދަތުރުނުކުރާނެ


އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގައި ޓްރެކްޓަރ އެފްސީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް އިންޑިއާގެ މޯހަން ބަގާނުން ސަލާމަތީ ސަބަބުތަކަށްޓަކައި އީރާނަށް ދަތުރުނުކުރާނެ ކަމަށް އޭޝިއާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން، އޭއެފްސީން ބުނެފިއެވެ.

ގްރޫޕް އޭ ގައި ހިމެނޭ އިންޑިއާގެ ސުޕަ ލީގުގެ މޯހަން ބަގާނުން ޕާޝިއަން ގަލްފް ޕްރޯ ލީގުގައި ވާދަކުރާ ޓްރެކްޓާރ އެފްސީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗު ތާވަލްކޮށްފައި އޮތީ ބުދަ ދުވަހު އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ އީރާނުގެ ހުޅަނގު އުތުރުގައިވާ ތަބްރީޒްގައެވެ.

އޭއެފްސީ އިން ބުނެފައިވަނީ، ކަމާބެހޭ އޭއެފްސީގެ ކޮމިޓީތަކަށް ހުށަހަޅައި މި މައްސަލަ މުރާޖަޢާ ކުރާނެ ކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން މޯހަން ބަގާން އަށް ޖޫރިމަނާއަކާއެކު ޗެމްޕިއަންސް ލީގު 2 އިން ވަކިކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެއެވެ. އަދި އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ލުބްނާންގައި ހިޒްބުﷲ އާ ދެކޮޅަށް ހިންގި ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ މި ހަފްތާގެ އަންގާރަ ދުވަހު އިޒްރޭލަށް ބެލިސްޓިކް މިސައިލްތަކުން ހަމަލާދީފައެވެ. މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަނީ އޭގެ "ނަތީޖާ" ދައްކުވައިދޭނެކަމަށް ބުނެފައެވެ.