ޚަބަރު

ވިމްބަލްޑަން ބަލިކޮށް ނިއުކާސަލް ހަތަރުވަނަ ބުރަށް


އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުގައި އިނގިރޭސި ތިންވަނަ ޑިވިޝަނުގެ އޭއެފްސީ ވިމްބަލްޑަން 0-1 އިން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑުން އެ މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗު ކުރީން ކުޅުމަށް ހަމަޖެހިފައި އޮތީ މީގެ ހަފްތާއެއްހާ ދުވަސް ކުރީންނެވެ. އެ މެޗު ކުޅޭ ތާރީޚު ފަސްކުރަން ޖެހުނީ ވިމްބަލްޑަންގެ ދަނޑު ކަމަށްވާ، ޗެރީ ރޯޑް ރެކޯޑްސް ސްޓޭޑިއަމްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ. އެއަށްފަހު، ރޭގެ މެޗު ކުޅުނީ ވެސް ނިއުކާސަލްގެ ދަނޑުގައެވެ.

ނިއުކާސަލުން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އެ ޓީމުގެ ކޯޗު، އެޑީ ހޯވް ވަނީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް 8 ބަދަލެއް ގެނެސްފައެވެ.

ސެއިންޓް ޖޭމްސް ޕާކްގައި ގާތްގަނޑަކަށް 51 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ނިއުކާސަލް އަށް ކާމިޔާބުކޮށްދިނީ ސްވިޒަލޭންޑްގެ ޑިފެންޑަރު، ފަބިއެން ޝެއާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ނިއުކާސަލްގެ މިގުއެލް އަލްމިރޯން އަށް ވިމްބަލްޑަންގެ ޑިފެންޑަރު، ޖޯ ޕިގޮޓް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ޝެއާ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުން ހޯދީ މޮޅާއެކު ކުރިއަށް އޮތް ހަތަރުވަނަ ބުރުގައި ނިއުކާސަލުން އަމިއްލަ ދަނޑުގައި ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

މި މުބާރާތުގެ ހަތަރުވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.