ޚަބަރު

17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތައް މި މަހު


އަންނަ އަހަރު ސަޢުދީ އަރަބިއްޔާގައި ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތައް މިމަހު ފަށަން ތައްޔާރުވެއްޖެއެވެ.

މުބާރާތުގެ ކޮލިފައިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 27 އަށް ސެންޓްރަލައިޒްކޮށެވެ. މިފަހަރު ކޮލިފައިންގައި ޖުމްލަ 47 ޤައުމެއް ވާދަކުރާއިރު، 2025 ވަނަ އަހަރު މިމުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން ސަޢުދީ ވަނީ އޮޓޮމެޓިކުން މުބާރާތަށް ކޮލިފައިވެފައެވެ.

2023 ވަނަ އަހަރު ބޭއްވި އޭއެފްސީ އަންޑަރ 17 މުބާރާތުގެ ނަތީޖާއަށް ބަލައި ސީޑުކޮށް ގުރުއަތު ނަގާފައިވާއިރު، ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖޫންމަހުގެ 13 ވަނަދުވަހު މެލޭޝިއާގެ ވެރިރަށް ކުއަލަމްޕޫރުގައެވެ. ތިން ގުރޫޕެއްގައި 5 ޓީމު ހިމެނޭއިރު ބާކީ ގުރޫޕްތަކުގައި ޖުމްލަ ހަތަރު ޓީމު ހިމެނެއެވެ. ކޮންމެ ގުރޫޕަކުން އެއްވަނައަށް އަންނަ ޤައުމު މުބާރާތަށް ކޮލިފައިވާއިރު ގުރޫޕުގެ ދެވަނައިގައި ރަނގަޅު ނަތީޖާ ހޯދާ 5 ޤައުމެއް މުބާރާތަށް ކޮލިފައިވާނެއެވެ.

މިފަހަރު ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ސަރަޙައްދުގެ ނިސްބަތުން ވަރުގަދަ ޓީމުތައް ހިމެނޭ ގުރޫޕެއްގައެވެ. އެއީ ކޮލިފައިން ގުރޫޕް ސީގައެވެ. މި ގުރޫޕްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާނީ ޗައިނާގެ ސިޓީއެއްކަމަށް ވާ ޑައިލާންގެ ޑައިލާން ފުޓްބޯޅަ ޔޫތު ޓްރެއިން ބޭސްގަޔާ ޕުވަން ސްޓޭޑިއަމްގައެވެ. އޭޝިއާ ސަރަހައްދުގެ ވަރުގަދަ ދެބާރު ޗައިނާ އަދި ދެކުނު ކޮރެއާ ވާދަކުރާއިރު ދެން މި ގުރޫޕުގައި ހިމެނެނީ މެދުއިރުމަތީގެ ވަރުގަދަ ބާރު ބަޙްރެއިންގެ އިތުރުން ރާއްޖެ ހިމެނޭ ސާފް ސަރަޙައްދުގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ބޫޓާނެވެ.

މި ގުރޫޕުގައި ރާއްޖެ ފުރަތަމަ މެޗްގައި ނިކުންނާނީ ސާފް ސަރަޙައްދުގައި ރާއްޖެއާ ވާދަވެރި ބޫޓާނާއެވެ. މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑައިލާން ޔޫތު ފުޓްބޯޅަ ޓްރެއިނިން ބޭސްގައި މިމަހު 19 ވަނަ ދުވަހު ރާއްޖެގަޑިން 3:30 ގައެވެ. ދެވަނަ މެޗްގައި ރާއްޖެ ނިކުންނާނީ މެދުއިރުމަތީގެ ވަރުގަދަ ބާރު ބަޙްރެއިނާ ދެކޮޅަށް މިމަހުގެ 21 ވަނަ ދުވަހު ރާއްޖެގަޑިން 3:30 ގައެވެ.

ރާއްޖެ ގުރޫޕް ފިޔަވަހީގެ ފަހު ދެ މެޗުގައި މިސަރަޙައްދުގެ ގަދަ ދެބާރު ޗައިނާ އާއި ދެކުނު ކޮރެއާ ދެކޮޅަށް ކުޅޭއިރު، ރާއްޖެ ދެކުނު ކޮރެޔާ އާ ދެކޮޅަށް ނިކުންނާނީ މިމަހު 23 ވަނަ ދުވަހު ރާއްޖެ ގަޑިން 4:35 ގައި ޑައިލާން ޔޫތު ފުޓްބޯޅަ ޓްރެނިން ބޭސްގައެވެ. ރާއްޖޭގެ ފަހު މެޗްގައި ގުރޫޕް ފިޔަވަހީގެ މެޗްތައް ބާއްވާ ޗައިނާ އާ ދެކޮޅަށް ނިކުންނާނީ މިމަހުގެ 25 ވަނަ ދުވަހު ރާއްޖެ ގަޑިން 3:30 ގައި ޕުވަން ސްޓޭޑިއަމްގައެވެ.

ކޮލިފައިން މެޗުތަކަށް ތައްޔާރުވާން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުގެ ފަރިތަކުރުންތައް ފަށާނެ ދުވަހެއް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް) އަދި ހާމައެއް ނުކުރެއެވެ.