ޚަބަރު

ކުޅުން ހުއްޓާލާފައިވާ ޝެޒްނީ އަލުން ބާސެލޯނާއަށް ސޮއިކޮށްފި


ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ ޕޮލެންޑްގެ ގޯލުކީޕަރު ވޮޒިއެޗް ޝެޒްނީ އަލުން ކުޅުމުގެ ތެރެއަށް އައިސް ފްރީ އެޖެންޓެއްގެ ގޮތުގައި ބާސެލޯނާއަށް ސޮއިކޮށްފި އެވެ.

ބާސެލޯނާއިން ޝެޒްނީގެ ސޮއި ހޯދާފައިވަނީ އަނިޔާގެ ސަބަބުން އެޓީމުގެ އެއްވަނަ ކީޕަރު ޖަރުމަނުގެ މާކް އެންދްރޭ ޓާ ސްޓެގެންއަށް މި ސީޒަނުގައި ނުކުޅެވޭނެކަން ޔަގީންވުމުގެ ސަބަބުން، އެތަން ފޫބައްދާނެ ތަޖުރިބާކާރެއް ހޯދުމުގެ ގޮތުންނެވެ.

ބާސެލޯނާގެ ކޯޗް ހެންސީ ފްލިކް ކުރިން ބުނެފައިވަނީ ޓާ ސްޓެގެންގެ ބަދަލުގައި މިހާރު ކުޅެމުންދާ އިނާކީ ޕެނާއަކީ މޮޅު ކީޕަރެއް ކަމަށާއި، ނަމަވެސް އޭނާއަށް އަދި 25 އަހަރު ވެފައިވާތީ ތަޖުރިބާކާރު ކީޕަރެއް ބޭނުންވާ ކަމަށެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާގެ ހުށައެޅުން ގަބޫލުކޮށް ޝެޒްނީ އަލުން ކުޅުމުގެ ތެރެއަށް އައުމުގައި އޭނާގެ އާއިލާގެ އިތުރުން ރޮބަޓް ލެވަންޑޯސްކީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ބާސެލޯނާއަށް ސޮއި ކުރުމަށްފަހު ޝެޒްނީ ބުނެފައިވަނީ އަލުން ކުޅުމުގެ ތެރެއަށް އައީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި މިއީ އޭނާ އެހެން އެއްވެސް ފަރާތަކަށް ނުކޮށްދޭނެ ކަމެއް ކަމަށެވެ. އަދި މި ހުށައެޅުން ދޫކޮށްލައިފިނަމަ އޭނާއަކީ މޮޔައެއް ކަމަށް ސިފަކުރާނެ ކަމަށް އޭނާގެ ގާތް މީހުން ބުނެފައިވާ ކަމަށްވެސް ޝެޒްނީ ވަނީ ބުނެފަ އެވެ.

އުމުރުން 34 އަހަރުގެ ޝެޒްނީ 2017 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އާއި ގުޅުމަށްފަހު, ޔުވެންޓަސް އާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު ވަނިކޮށް، މިދިޔަ އޮގަސްޓް މަހު އޭނާ ވަނީ ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ. ޕޮލަންޑްގެ ގައުމީ ޓީމަށް 250 މެޗު ކުޅެދީފައިވާ ޝެޒްނީ ވަނީ ޔުވެންޓަސް އާއިއެކު އިޓާލިއަން ލީގު ތިން ފަހަރު އަދި އިޓާލިއަން ކަޕް ތިން ފަހަރު ހޯދާފައެވެ.

ލަލީގާގައި ބާސެލޯނާ މިހާތަނަށް ކުޅުނު އަށް މެޗުން އެ ޓީމު ވަނީ 21 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. އަދި އަންނަ އާދިއްތަ ދުވަހު އެ ޓީމު ލީގުގައި ނިކުންނާނީ ޑިޕޯޓިވޯ އަލްވޭޒް އާއި ދެކޮޅަށެވެ.