ޚަބަރު

ސިނާޢަތުގެ ކަންބޮޑުވުންތައް އަޑުއަހަން ސަރުކާރު އޮތީ ތައްޔާރަށް: ފަތުރުވެރިކަމާބެހޭ ވަޒީރު


  • ސަރުކާރުގެ ހުރިހާ ފަންތިއަކުންވެސް ސިނާއަތުގެ އަޑުއަހާނެ

  • މިއީ މިވަގުތައް ކުރަން ޖެހިފައިވާ ކަމެއްކަމަށް ވަޒީރު ވިދާޅުވި

ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާގޮތަށް ނިންމެވި ނިންމެވުމާއި ގުޅިގެން ސިނާއަތުގެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހަން ސަރުކާރު އޮތީ ތައްޔާރަށްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާ އިތުރުކުރުމާއި، ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގު ފަހިކުރުމަށް އެމްއެމްއޭއިން އައު ދެ ޤަވައިދެއް މިމަހުގެ 1 ވަނަ ދުވަހު ޢާންމުކޮށް ޢަމަލުކުރަން ފަށްޓަވާފައެވެ.

އެކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، އެމްއެމްއޭއިން ޢާންމުކުރި ދެ ޤަވާއިދަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މިކަމުގެ ހެޔޮ ފައިދާ ދިވެހި ރައްޔިތުންނަށް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފައިޞަލް ވިދާޅުވީ، މިކަމާ ގުޅިގެން ސިނާއަތުގެ ފަރާތަކުގެ ކަންބޮޑުވުންތައް އެބަހުރިކަމަށެވެ. މި ކަންބޮޑުވުންތައް ރިވެތި އުސޫލުން މަޝްވަރާކޮށްގެން ހައްލު ކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެފަރާތްތަކުގެ އަޑު އެހުމަށް ސަރުކާރު އޮތީ ތައްޔާރަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އިންޑަސްޓްރީގައި މިކަމުގެ ކޮންސާން އެބަހުރި. އަޅުގަނޑު އަޑުއަހަން އެބޭފުޅުންގެ އަޑު. ގަވަރުނަރުވެސް ވިދާޅުވި ވަޑައިގަންނަވާށޭ އެބޭފުޅުންގެ ހުރި ކޮންސާން ތަކައިގެން އެއިރުން އެ ނަންބާސްއަށް ބަލާފައި އެބޭފުޅުންގެ ކަންތައްތައް އަޅުގަނޑުމެންނަށް ހައްލު ކުރެވިގެންދާނެ. މިއީކީ އިންޑަސްޓްރީގެ އަޑު ނާހާ އެގޮތައް ކުރާ ކަމެއްނޫން. އިންޑަސްޓްރީއާވެސް މަޝްވަރާކުރެވިގެން އަޅުގަނޑުމެން މިކަން މިކުރަނީ." ވަޒީރު ވިދާޅުވިއެވެ.

އައު ޤަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން 2 ގިންތިއަކަށް ބަހައި، އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުމަށް ޤަވާއިދުގައި ވަނީ ލާޒިމްކޮށްފައެވެ.

ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން މިޤަވާއިދުގެ އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ލާޒިމް ކުރެއެވެ.

ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ޚިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހޭ ރޭޓަކީ 25 ޑޮލަރެވެ.