ޚަބަރު

ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް މެސީ އެނބުރި އާޖެންޓީނާގެ ސްކޮޑަށް


މިދިޔަ ދެ މަހެއްހާ ދުވަހު އަނިޔާގެ ސަބަބުން އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެފައިނުވާ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕުގެ ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑުގައި ހިމަނައިފިއެވެ.

އުމުރުން 37 އަހަރުގެ މެސީ އަށް ވެނެޒުއެލާ އާއި ބޮލީވިއާ އާ ދެކޮޅަށް އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ނެގި ސްކޮޑާ އެނބުރި ގުޅިފައިވާކަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެންމެ ފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މެސީ އަށް ވަނީ އާޖެންޓީނާ މިދިޔަ ސެޕްޓެންބަރު މަހު ޗިލީ އާއި ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ގެއްލިފައެވެ. އޭގެތެރެއިން، ރަށުން ބޭރުގައި ކޮލަމްބިއާ އަތުން 2-1 އިން އާޖެންޓީނާ ބަލިވިއިރު، އަމިއްލަ ދަނޑުގައި ޗިލީ އަތުން މޮޅުވީ 3-0 އިންނެވެ.

އާޖެންޓީނާ އާއެކު މެސީގެ އެންމެ ފަހުގެ ފެނިލުމަކީ ކޮޕާ އެމެރިކާ 2024 ގެ ފައިނަލްގައި ކޮލަމްބިއާގެ މައްޗަށް 1-0 އިން ކުރިހޯދި މެޗަށްވާއިރު، އެ މެޗުގައި ވެސް މޮޅު ކުޅުމެއްދައްކައި ފަހަކަށްއައިސް އެ ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުންއަންނަ ގޯލްކީޕަރު، އެމިލިއާނޯ މާޓިނޭޒަށް ސަސްޕެންޝަނުގެ ސަބަބުން ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެ އެވެ.

އެސްޓަން ވިލާ އަށް ކުޅެމުންއަންނަ، އުމުރުން 32 އަހަރުގެ މާޓިނޭޒް ސަސްޕެންޑްކޮށްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅު ޗިލީ އާއި ކޮލަމްބިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު ވޯލްޑް ކަޕްގެ ކޮލިފައިންގ މެޗުތަކުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ އަޚުލާޤީ މައްސަލަތަކާ ގުޅިގެންނެވެ.

ކޮލިފައިންގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން، އާޖެންޓީނާ އޮތީ 8 މެޗުން ހޯދީ 18 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް ކޮލަމްބިއާ އަށް 8 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ތިންވަނައިގައި އުރުގުއޭ އޮތްއިރު، ހަތަރެއްގައި އޮތް އެކުއޭޑޯ އަށް 8 މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ބްރެޒިލާއި ހަވަނައިގައި އޮތް ވެނެޒުއެލާ އަށް 8 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނެގި އާޖެންޓީނާގެ ސްކޮޑު:

  • ގޯލްކީޕަރުން: ވޯލްޓާ ބެނީޓޭޒް (ޕީއެސްވީ އެއިންދޯވަން)، ޖެރޮނިމޯ ރުއްލީ (އޮލިމްޕިކް މާސޭ)، ހުއާން މުސޯ (އެޓަލާންޓާ)
  • ޑިފެންޑަރުން: ގޮންޒާލޯ މޮންޓިއެލް (ސެވިއްޔާ)، ނަހުއެލް މޮލީނާ (އެތުލެޓިކޯ މެޑްރިޑް)، ކްރިސްޓިއަން ރޮމޭރޯ (ޓޮޓެންހަމް ހޮޓްސްޕާ)، ޖާމަން ޕެޒެއްލާ (ރިވާ ޕްލޭޓް)، ލިއޮނާޑޯ ބަލޭޑީ (އޮލިމްޕިކް މާސޭ)، ނިކޮލަސް އޮޓަމެންޑީ (ބެންފީކާ)، ލިސަންދްރޯ މާޓިނޭޒް (މެންޗެސްޓާ ޔުނައިޓެޑް)، ނިކޮލަސް ޓަގްލިއަފީކޯ (އޮލިމްޕިކް ލިޔޯން)، މާކޯސް އަކޫނިއާ (ރިވާ ޕްލޭޓް)
  • މިޑްފީލްޑަރުން: އަލެކްސިސް މެކް އެލިސްޓާ (ލިވަޕޫލް)، އެންޒޯ ފެނާންޑޭޒް (ޗެލްސީ)، ޖިއޮވާނީ ލޮ ސެލްސޯ (ޓޮޓެންހަމް ހޮޓްސްޕާ)، އެޒެކީލް ފެނާންޑޭޒް (އަލް ޤާދިސިއާ)، ރޮޑްރިގޯ ޑެ ޕޯލް (އެތުލެޓިކޯ މެޑްރިޑް)، ލެއަންޑްރޮ ޕަރެޑޭސް (އޭއެސް ރޯމާ). ތިއާގޯ އަލްމާޑާ (ބޮޓަފޯގޯ)
  • ފޯވާޑުން: އަލެހަންދްރޯ ގަނާޗޯ (މެންޗެސްޓާ ޔުނައިޓެޑް)، ޕައުލޯ ޑިބާލާ (އޭއެސް ރޯމާ)، ލިއޮނަލް މެސީ (އިންޓަ މަޔާމީ)، ވެލެންޓިން ކާބޯނީ (އޮލިމްޕިކް މާސޭ)، ހޫލިއަން އަލްވަރޭޒް (އެތުލެޓިކޯ މެޑްރިޑް)، ލަޓާރޯ މާޓިނޭޒް (އިންޓަ މިލާން)، ނިކޯ ޕާޒް (ކޯމޯ)، ނިކޮލަސް ގޮންޒާލޭޒް (ޔުވެންޓަސް)