ޚަބަރު

ލަބެރަ ބޮޑީބޯޑިން ޗެލެންޖް: މި ފަހަރުވެސް ޗެމްޕިއަންކަން ކުޑަ އައްޔައަށް


މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ ދެވަނަ މުބާރާތް ކަމަށްވާ "ލަބެރަ ބޮޑީބޯޑިން ޗެލެންޖް 2024" ގެ އޯޕަން ބަޔާއި ޑްރޮޕް-ނީ ބައިގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ހޯދައިފިއެވެ.

މިއީ ކުޑަ އައްޔަ ލަބެރަ ބޮޑީބޯޑިން ޗެލެންޖް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެންމެ ފަހުން 2019 ވަނަ އަހަރު މި މުބާރާތް ބޭއްވިއިރު، އެ ފަހަރުވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ކުޑަ އައްޔައެވެ.

މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް ހީޓުތައް މިއަދު ބޭއްވިއިރު، އޯޕަން ބައިގެ ފައިނަލްގައި ކުޑަ އައްޔައާ ވާދަކޮށްފައިވަނީ އަލީ ޖާވިދު (ޖާއްޓެ) އެވެ. މި އިވެންޓުގައި ފައިނަލުގައި ކުޑަ އައްޔަ 10.57 ގެ ސްކޯއެއް ހޯދިއިރު، ޖާއްޓެއަށް ލިބިފައިވަނީ 9.17 ގެ ސްކޯއެކެވެ.

މި މުބާރާތުގެ ޑްރޮޕް-ނީ ބައިގެ ޗެމްޕިއަންކަން ކުޑަ އައްޔަ ދިފާއުކުރީ ފައިނަލްގައި ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ބަލިކޮށްގެންނެވެ. މި ބައިގެ ފައިނަލުގައި ކުޑަ އައްޔަ 9.33 ގެ ސްކޯއެއް ހޯދިއިރު، އާމިންއަށް ލިބިފައިވަނީ 4.30 ގެ ސްކޯއެކެވެ.

މީގެ އިތުރުން މި މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުޙައްމަދު އަޒާން އަޙްމަދެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިޔާން އަޙްމަދު ބަލިކޮށްގެންނެވެ. މި ބައިގެ ފައިނަލުގައި އަޒާން 8.73 ގެ ސްކޯއެއް ހޯދިއިރު، އިޔާންއަށް ލިބިފައިވަނީ 7.57 ގެ ސްކޯއެކެވެ.

ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ ދެވަނަ މުބާރާތް ކަމަށްވާ ލަބެރަ ބޮޑީބޯޑިން ޗެލެންޖް ކާމިޔާބުކަމާއެކު ނިންމާލިއިރު، މީގެ ކުރިން މި އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ބުރުނު ޝިކާރު 2024" ކުރިއަށް ގެންގޮސްފައެވެ. އެ މުބާރާތުގެ އޯޕަން ބައިގެ ފައިނަލުގައި ޖާއްޓެ ބަލިކޮށް، ކުޑަ އައްޔަ ވަނީ ފަސްވަނަ ފަހަރަށް ބުރުނު ޝިކާރު ކާމިޔާބުކޮށްފައެވެ.