ޚަބަރު

ކުޅިވަރުގެ ދާއިރާއިން ސައުދީއާ ގުޅިގެން މަސައްކަތްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި


ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ސައުދީގެ ވެރިރަށް ރިޔާދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި ސައުދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރުއަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން، ކުޅިވަރު މުއައްސަސާތަކާއި، ޖަމުއިއްޔާތައް މެދުވެރިކޮށް ކޯޗުން ތަމްރީނުކުރުން ހިމެނެއެވެ. އަދި ކުޅިވަރު ޓީމުތައް ދެ ގައުމަށް ޒިޔާރަތްކުރުމަށް މަގުފަހިކޮށްދީ، ދެ ގައުމުގެ އެކި ކުޅިވަރު ކުލަބުތަކުގެ މެދުގައި ސީދާ މުއާމަލާތުކުރުމަށް އެހީތެރިވުމާއި، ސްޕޯޓްސް މެޑިސިން އާއި، އެންޓި-ޑޯޕިން އަދި މުބާރާތްތައް އިންތިޒާމުކުރުމާއި، ކުޅިވަރު އިވެންޓުތައް ބޭއްވުމާއި އަދި ކުޅިވަރު އިންވެސްޓްމަންޓް ފަދަ އެކި ދާއިރާތަކުން އެއްބާރުލުން ދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ދެ ފަރާތުގެ މެދުގައި ލިޔެކިޔުންތަކާއި، ކުޅިވަރުގެ ވަސީލަތްތައް އަދި ކުޅިވަރާ ގުޅޭ ތަޖުރިބާތައް ބަދަލުކުރުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ސޮއިކުރިއިރު، މީގެ ކުރިންވެސް ސައުދީން ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ފަހިކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމުތަކާއި، ބައެއް ކުލަބުތަކުން މީގެ ކުރިން ވަނީ ސައުދީގައި ތަމްރީނު ކޭމްޕުތައް ފުރިހަމަކޮށްފައެވެ.