ކުޅިވަރު

އެއް ގަޑިއިރުގެ އެއް ޕްރެކްޓިސް އިންމަ އެއް މެޗަށް


އޭޝިޔަންކަޕް ކޮލިފައިންގެ ޕްލޭ އޮފް ދެވަނަ ލެގުގައި މާދަމާރޭ ދޯހާގައި ޔަމަނާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ދޯހާގައި ހުރެ މިއަދު އިންމަ ބުނީ ކުއްލިއަކަށް ޓީމާ ހަވާލުވެ މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި ކުޅުވަންކަމަށެވެ. 

އިއްޔެ ޔަމަނަށް އައި ނަމަވެސް ޕްރެކްޓިސް ކުރުމުގެ ފުރުޞަތު ނުލިބުމުން އެކަމުގެ ޝަކުވާކުރަމުން އިންމަ ބުނީ މިރޭ ލިބޭ ރަސްމީ އެއްގަޑިއިރު ބޮޑަށް ބަލާނީ ޓީމް ކުޅުވާނެ ގޮތެއް ނިންމައި، އެކަން ކުޅުންތެރިންނަށް ބުނެދިނުމަށްކަމަށެވެ. 

" މިރޭ ޕްރެކްޓިސްގައި ލިބޭ އެއްގަޑިއިރު ބޮޑަށް ބަލާނީ ޓީމް ލައްވައި ކުޅުވާނެ ގޮތެއް ނިންމައި އެކަން ކުޅުންތެރިންނަށް ބުނެދޭނެ. ލިބޭ މަދުވަގުތުކޮޅުގެ ބޭނުން ހިފަން. " ކުރިންވެސް ޤައުމީ ޓީމަށް އިރުޝާދުދީފައިވާ އިންމަ ބުންޏެވެ. ޕްރެކްޓިސް ކުރުމަށް ދަނޑު ނުލިބުމުން ރޭ ޤައުމީ ޓީމް ގޮވައިގެން އިންމަ އުޅުނީ ހޮޓަލްގެ ޖިމްގައެވެ. ޕީއެސްއެމްއާއެކު ދެ މީޑިއާއިން ބައިވެރިވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަމުން އިންމަ ބުނީ ދޭއް ސުމަކުން ފަހަތުގައި އޮތުމުން އުނދަގޫވާނެކަމަށާއި، ނަމަވެސް އުއްމީދު ކަނޑާނުލާކަމަށެވެ. 

އަނިޔާގެ ސަބަބުން ޓީމާއެކު ނާދެވުނު މުޙައްމަދު ރަޝީދާއި، ކެޕްޓަން އަލީ އަޝްފާޤް ނެތްނަމަވެސް އެކުޅުންތެރިން ނުލައި ކުޅެން ޓީމަށް އިނގޭނެކަމަށް ވަގުތީ ކޯޗު ބުންޏެވެ. އަޝްފާޤް މުޙިއްމުކަމަށާއި، ނަމަވެސް އޭނާ ނުލައި ފަހުން ޓީމް ދެތިން މެޗެއް ކުޅެފައިވުމުން އެކަން އެހާބޮޑު މައްސަލައަކަށް ނުވާނެކަމަށް އިންމަ ބުންޏެވެ. މިދެކުޅުންތެރިންގެ އިތުރުން ޑިފެންޑަރ އަމްދާން އަލީވެސް ޓީމާއެކު ނާދެއެވެ. ޓީމްގައި ތިބީ ހަތަރު ޑިފެންޑަރުންނެވެ.