ޚަބަރު

20 އަހަރުން ދަށުގެ ކާވާ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ލަންކާއަށް


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ސްރީ ލަންކާއަށް ފުރައިފިއެވެ.

20 އަހަރުން ދަށުގެ ކާވާ ވޮލީބޯޅަ މުބާރާތް ލަންކާގައި ކުރިއަށްދާއިރު، މި މުބާރާތުގައި ހަ ގައުމެއް ވާދަކުރެއެވެ. އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ލަންކާ އާއި، އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ނޭޕާލް އަދި ތުރުކުމެނިސްތާނެވެ. މުބާރާތް ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައެވެ.

މި މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ލަންކާއަށް ފުރާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ހަ ގައުމު ވާދަކުރާ 20 އަހަރުން ދަށުގެ ކާވާ ވޮލީބޯޅަ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.