ޚަބަރު

އެލްފްސްބޯގް އަތުން ރޯމާ ބަލިވެއްޖެ


ޔުއެފާ ޔުރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ސްވިޑެންގެ އެލްފްސްބޯގް އަތުން 1-0 ގެ ނަތީޖާއަކުން އިޓަލީގެ އޭއެސް ރޯމާ ބަލިވެއްޖެއެވެ.

މިއީ މި ފަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ރޯމާ ބަލިވި ފުރަތަމަ ފަހަރެވެ. އޭގެތެރެއިން، ދެ މެޗުން މޮޅުވިއިރު އަނެއް ތިން މެޗުން ވަނީ އެއްވަރުވެފައެވެ. އެ ޓީމު އެންމެ ފަހުން ބަލިވެފައިވަނީ މިދިޔަ އޮގަސްޓް މަހުގައި އަމިއްލަ ދަނޑުގައި އެމްޕޯލީ އަތުން 2-1 އިންނެވެ.

ރޯމާ އިން ރޭގެ މެޗަށް ނިކުތީ އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އޭގެތެރޭގައި، އެ ޓީމުގެ ކެޕްޓަން، ލޮރެންޒޯ ޕެލެގްރިނީ އާއި ފޯވާޑްލައިންގައި ހިމެނޭ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ، ޔޫކްރޭންގެ އާޓެމް ޑޮވްބީކް އާއި އާޖެންޓީނާ ފޯވާޑް، ޕައުލޯ ޑިބާލާ ހިމެނެއެވެ.

އެލްފްސްބޯގްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ރޯމާ އިން ޑޮމިނޭޓްކޮށްފައިވާއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެންދަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މައިކަލް ބައިޑޫ އެވެ.

ރޯމާ އަށް މި މެޗުގައި ލަނޑެއްޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ފަހު ހާފުގައި ކުޅެން ނިކުތް އެ ޓީމުގެ ކެޕްޓަން، ޕެލެގްރިނީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ރޯމާގެ އައު ކޯޗު، އިވާން ޖުރިޗްގެ އިރުޝާދުގެ ދަށުން ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވީނަމަވެސް މި ފަހަރުގެ ޔުރޮޕާ ލީގުގައި އަދި މިހާތަނަށް މޮޅެއް ނުލިބެއެވެ. މި މުބާރާތުގައި އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ވަނީ 1-1 އިން އެއްވަރުވެފައެވެ.

މި ފަހަރު މުޅިން އައު ފޯމެޓަކަށް ކުޅެމުންއަންނަ ޔުރޮޕާ ލީގުގައި ރޯމާ އަށް ދެން އޮތީ މި މަހުގެ 24 ވާ ބުރާސްފަތި ދުވަހު އަމިއްލަ ދަނޑުގައި ޔޫކްރޭންގެ ޑިނަމޯ ކިއޭވްއާ ބައްދަލުކުރާ މެޗެވެ. އޭގެކުރީން، ލީގުގައި އެ ޓީމަށް ދެން އޮތީ މޮންޒާ އާއި އިންޓަ މިލާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.