ކުޅިވަރު

ޤައުމީ ވާޖިބު އަދާކުރާއިރު ކޯޗަކަށް ނުބަލަން – އިމްރާން


ޤައުމީ ވާޖިބު އަދާކުރާއިރު، ކޯޗަކަށް ހުންނަ މީހަކީ ކާކުތޯ ނުބަލާ ކަމަށާއި، ބަލަން ނުވެސްޖެހޭކަމަށް ކީޕަރު އަދި ޓީމްގެ މިވަގުތު ކެޕްޓަން އިމްރާން މުޙައްމަދު ބުނެފިއެވެ. 

މެޗުގެ ކުރިން މިއަދު އޮތް ޕްރެސްކޮންފަރެންސްގައި ޔެސް ޓީވީން ކުރި ސުވާލަކަށް ޖަވާބުދެމުން އިމްރާން ބުނީ ޤައުމީ ކޯޗު ރިކީ ހާބަޓް ޓީމާއެކު ނާންނަކަން އިނގުނީ ފުރަންވެފައި އޮއްވާކަމަށާއި، އެކަމާމެދު ކުޅުންތެރިން ނުވިސްނާކަމަށެވެ. 

" ކޯޗު ނާންނަކަން ކުޅުންތެރިންނަށްވެސް އިނގުނީ ވަރަށް ފަހުން، ފުރަން ވެފަ އޮއްވާ. އަޅގަނޑުމެން ނިކުންނަނީ ޤައުމީ ވާޖިބު އަދާކުރަން. ކޯޗަކަށް ހުންނަ މީހަކީ ކާކުތޯއެއް ނުބަލަން. އިންމައާއެކުވެސް ރަނގަޅަށް މަސައްކަތްކޮށް ނަތީޖާ ނެރެން ޓީމް އޮތީ ތައްޔާރަށް. " ސަތޭކައަށްވުރެ ގިނަ މެޗު ޤައުމީ ޓީމަށް ކުޅެފައިވާ އިމްރާން ބުންޏެވެ. 

އިމްރާނަކީ ޓީމްގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. ރާއްޖެ ޔަމަނާއި ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.