ޚަބަރު

ތައުލީމީ ޖީލެއް ބިނާކުރުމަށް މުދައްރިސުން ކުރާ މަސައްކަތަށް އައްސަރިބަހާ ސާބަސް


  • އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް

  • ސަރުކާރުން ނިންމާފައިވަނީ މުދައްރިސުން ބިނާކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފެށުމަށް

ކޮންމެ ޤައުމެއްވެސް ތަރައްޤީވެ ކުރިއަރާ ދާނީ އުފެއްދުންތެރި ޖީލެއް ބިނާކުރެވިގެންނެވެ. ޤައުމުގެ ދުވެލި ހަލުވި ކުރުމަށް ޤައުމީ ނަވަށް ކިޔަވައިގެން ތިބި ޢިލްމީ މީހުން އަރައިގެންނެވެ. އަދި މިކަން އެންމެ އެދެވޭގޮތެއްގައި ޙާޞިލުކުރެވެން އޮތީވެސް ކިޔަވައިގެންތިބި ދަރިވަރުން ކުރިއަށް އޮތް މުސްތަޤްބަލަށްޓަކައި އުފައްދައިގެންނެވެ. މި ޒިންމާ އާއި ޙަވާލުވެތިބޭ ބަޔަކީ ޤައުމުގެ އަގުހުރި މުދައްރިސުންނެވެ.

މުދައްރިސުންނަކީ ދަރިވަރުންނަށްޓަކައި ވަރުބަލިކަމެއްނެތި އަބަދުވެސް މަސައްކަތްކުރުމުގައި ދެމި ތިބޭ ބައެކެވެ. ދަރިވަރުން ކޮށްފާނެ ސުވާލަކަށް ދުރާލާ ތައްޔާރުވެ، ލިބިފައިވާ ޢިލްމު ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި މިންނެތް މަސައްކަތްތަކެއް ކުރަމުންދާ ބައެކެވެ. ޒަމާނީ ތަޢުލީމާއި އެއްވަރަށް، ދިރިއުޅުމުގައި ބޭނުންވާ ރިވެތި އަޚުލާޤު ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ބުރަ ޒިންމާ އަދާކުރާ ބަޔަކީ ލޮބުވެތި މުދައްރިސުންނެވެ. މުދައްރިސުން މަސައްކަތް ކުރަނީ ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ގޮތުގައެވެ.

ޕްރީ-ސްކޫލުން ފެށިގެން މަތީ ތަޢުލީމާހަމަޔަށް ކިޔަވަމުންދާ އެތައްހާސް ދަރިވަރުންނަކީ އަންނަން އޮތް ޒަމާންތަކުގައި މިޤައުމުގެ އެކިއެކި މަސްއޫލިއްޔަތުތަކާއި ޙަވާލުވާނެ ބޮޑެތިމީހުންނެނެވެ. އެއީ މާދަމާ ޤައުމު ހިންގުމާ ޙަވާލުވާންތިބި ވެރިންނެވެ. މާދަމާ މިޤައުމު އޮންނާނެގޮތް ބައްޓަންވާނީ، މިއަދުގެ ދަރިވަރުން ތަރުބިއްޔަތުކުރި ގޮތެއްގެ މައްޗަށެވެ.

ތަފާތު މިޒާޖުގެ ދަރިވަރުން ކިިޔަވަމުން ދިޔަނަމަވެސް މުދައްރިސުން މަސައްކަތް ކުރައްވަނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔަވައިދިނުމަށެވެ. ފިލާވަޅުތައް ތައްޔާރުކުރުމާއި ފޮތްތަކާއި ޕޭޕަރު މާކު ކުރުމާއި، މިނޫންވެސް އެތައްކަމެއް ރެއާދުވާލު ކުރަމުންދާއިރު މުދައްރިސުންގެ އަގުވަޒަންކުރަންވީ އަހަރަކު އެއްފަހަރަކު ނޫނެވެ. މުދައްރިސުންގެ އަގުވަޒަންކޮށް، މުދައްރިސުންގެ މަސައްކަތަށްޓަކައި ޝުކުރުވެރިވުމަކީ ކޮންމެ ދުވަހަކުހެން ކުރުން މުހިއްމުކަމެކެވެ. އަމިއްލަ ޢާއިލާއާ ދޫކޮށްލުމަށްފަހު އެތައް ވަގުތެއްގައި ދަރިވަރުންގެ ކަންކަމުގައި ހޭދަކުރުމަކީ ވަރަށްވެސް ބޮޑު ޤުރުބާނީއެކެވެ.


ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމަށް މިއަހަރު ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ވެލުއިން ޓީޗާރސް ވޮއިސެސް: ޓުވާޑްސް އަ ނިއު ސޯޝަލް ކޮންޓްރެކްޓް ފޯ އެޑިއުކޭޝަން"އެވެ.

މުދައްރިސުންގެ ދުވަސް މިއަދު ފާހަގަކުރާއިރު ކިޔަވައިދިނުމުގައި ކުރިއަށްވުރެ އިތުރު ގޮތްތަކެއް ވަނީ ހޯދާފައެވެ. ޚާއްސަގޮތެއްގައި ޓެކްނޮލަޖީގެ އެހީގައި ކިޔަވައިދެމުންދާކަން ފާހަގަކޮށްލެވެއެވެ. މުދައްރިސުންގެ ހުނަރު އިތުރުކޮށް ޤާބިލު މުދައްރިސުންތަކެއް ބިނާކުރުމަށް ކޮންމެ އިރެއްގައިވެސް މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މުދައްރިސުންނަށް އެކި ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި އަލަށް މިދާއިރާއަށް ކުދިން ވެއްދުމަށް މަސައްކަތްތަކެއް މިހާރުވެސް އެބަކުރެވެއެވެ. އެގޮތުން ސަރުކާރުން ނިންމަވާފައިވަނީ މުދައްރިސުން ބިނާކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފެށުމަށެވެ.

ޝައްކެއްވެސް ނެތްގޮތުގައި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށް ކުރާ މަސައްކަތުގައި ލޮބުވެތި މުދައްރިސުންގެ ޙިދުމަތާއި ދައުރު ވަރަށްވެސް މުހިއްމެވެ. މުދައްރިސުންނަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ހިތްތަކުގައިވެސް ޚާއްސަ ދަރަޖައަކާއި ލޯތްބެއް ދެވިފައިވާ ބައެކެވެ.