ވިޔަފާރި

"ކްރިއޭޓިވް އިކޮނޮމީ ފަންޑަކީ ފަންނުވެރިކަމުގެ ދާއިރާއަށް ގެނެވޭ އިންގިލާބީ ބަދަލެއްގެ ފެށުން"


  • މި ސްކީމާއެކު އިޤްތިޞާދީ ކުރިއެރުމުގައި ފަންނުވެރިންގެ ހިއްސާ އިތުރުވާނެކަމަށް ވިދާޅުވި

  • މިއީ ފަންނުވެރިންނަށް ލިބޭ ރަނުގެ ފުރުޞަތެއްގެގޮތުގައި ޟިޔާއު ފާހަގަކުރެއްވި

  • މި ފަންޑު އިފްތިތާޙްކޮށްފައިވަނީ 18 ސެޕްޓެމްބަރުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބީސީސީއިން ހުޅުވާލި، ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމަކީ އިސްތިރާޖީ ގޮތުން ތަދުބީރުކޮށްފައިވާ އިންގިލާބީ ބަދަލެއްގެ އުންމީދީ ފެށުމެއް ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވެއްޖެއެވެ.

ބީސީސީގެ އެމްޑީ ޟިޔާއު މިފަދައިން ވިދާޅުވީ، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ކްރިއޭޓިވް އިކޮނޮމީ ފަންޑު" ހުޅުވާލުމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބީސީސީގެ އެމްޑީ އިބްރާހިމް ޟިޔާއު މުޙައްމަދު ވިދާޅުވީ، މި ސްކީމަކީ ދިވެހި އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިޤްތިޞާދީ ކުރިއެރުމުގައި ފަންނުވެރިންގެ ހިއްސާ އިތުރުވާނެ ކަމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރުގެ ލަފާފުޅާއެކު، ފަހިކޮށްދެވުނު މި ފުރުޞަތުގެ ސަބަބުން ފަންނުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެ މަގު ތަނަވަސްވާނެ ކަމަށްވެސް ޟިޔާއު ވިދާޅުވިއެވެ.

ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭނާއި، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކޮށްފައިވާ ކްރިއޭޓިވް އިކޮނޮމީ ފަންޑް ސަރުކާރުގެ ފަރާތުން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ 18 ސެޕްޓެމްބަރ 2024 ގައެވެ. އަދި މި ފަންޑުން އެހީ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 10 ވަނަ ދުވަހު ބީސީސީން ވަނީ ހުޅުވާލާފައެވެ.

މި ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެކެވެ.

މިގޮތުން މި ފަންޑުގެ ތެރެއިން 50،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާއާ ހަމައަށް އެހީ ދޭނެއެވެ. މި ސްކީމުން އެހީ ދިނުމަމަށް ހަމަޖެހިފައިވަނީ، ކުދި ވިޔަފާރިތަކަށާއި، ބީސީސީގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތަކަށެވެ.

މި ސްކީމުގެ ދަށުން އެހީ ލިބޭ ފަރާތްތަކަށް، މި ސިނާޢަތުގައި މިހާރު ހުރި ގޮންޖެހުންތަކަށް ބަލައި ލުއިފަސޭހަތަކެއް ދިނުމަށްވެސް ބީސީސީން ވަނީ ނިންމާފައެވެ. މިގޮތުން ލިބޭ އާމްދަނީއަށް ބިނާކޮށް ލޯނު އަނބުރާ ދެއްކުމަށް ލުއިގޮތްތަކެއް ފަހިކޮށްދިނުމާއި، އެއް އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމުގެ އިތުރުން ރަހުނަކާއި ނުލައި މިސްކީމުން އެހީ ލިބޭނެ ގޮތްވެސް ބީސީސީން ވަނީ ފަހިކޮށްދީފައެވެ.