މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާއިން ކުޅުނު ފުރަތަމަ މެޗުގައި ޕެނަމާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.
މިއީ އެންމެ ފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕެނަމާ އަތުން 2-1 އިން ބަލިވުމުން އޭގެ އަށް ރަނގަޅު ބަދަލުހިފުމެކެވެ. އޭގެކުރީން، 2023 ވަނަ އަހަރުގެ ގޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ޕެނަލްޓީ ޖަހައިގެން މޮޅުވީ ވެސް ޕެނަމާ އެވެ.
އެމެރިކާ އިން މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ޓައިލާ އެޑަމްސް އާއި ޖިއޯ ރޭނާ ނުކުޅެއެވެ. އަދި، އެ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުންއަންނަ ވެސްޓަން މެކިނީ ވެސް މެޗު ފެށީ ބެންޗުންނެވެ. މި މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރީ، ޓިމް ރީމް އެވެ.
އެމެރިކާގެ ޓެކްސަސްގައި ހުންނަ ކިއު ޓޫ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. ގާތްގަނޑަކަށް 20،239 އެއްހާ މީހުން ކުޅިބަލަން ވަދެ ތިބި މި މެޗުގައި އެމެރިކާ އިން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުންފެށިތާ ހަތަރުވަނަ މިނެޓުގައި ޔޫނުސް މުސާ ވައްދާލި ލަނޑުންނެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
މި މެޗުގައި އެމެރިކާ އިން ޖެހި ދެވަނަ ލަނޑު، އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ފޯވާޑް، ރިކާޑޮ ޕެޕީ އެވެ. އޭނާ މި ލަނޑުޖެހީ ހާޖީ ރައިޓް ދިން ބޯޅައަކުންނެވެ. މިއީ ކިއޫ ޓޫ ސްޓޭޑިއަމްގައި އެމެރިކާ އަށް ޕެޕީ ޖަހައިދިން ހަތަރުވަނަ ގޯލެވެ.
ގައުމީ ޓީމެއްގެ ކޯޗެއްގެ ގޮތުގައި ޕޮޗެޓީނޯގެ ފުރަތަމަ މެޗުގައި ޕެނަމާއާ ދެކޮޅަށް އޭނާގެ އެމެރިކާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތްނުވިއިރު، ކޮންމެވެސް ވަރަކަށް ގޯސްތަކެއް ހަދާފައިވެއެވެ. ނަމަވެސް، ޕެނަމާ އަށް އޭގެ ފައިދާ ނެގޭ ގޮތެއްނުވިއެވެ.
އަދި، ދެވަނަ ހާފުގައި މެޓް ޓާނާ ބަލަހައްޓަމުންދިޔަ އެމެރިކާގެ ގޯލަށް އަމާޒުކޮށް ޕެނަމާ އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. އޭގެތެރެއިން، އެ ޓީމުގެ ހޯސޭ ފަޖާޑޯ އަށް ހުސް ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.
ޕޮޗެޓީނޯ އާއެކު އެމެރިކާ ދެން ނިކުންނާނީ ވާދަވެރި މެކްސިކޯއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވާ ބުދަ ދުވަހު ރާއްޖޭގަޑިން ހެނދުނު 7:30 ގައެވެ.