ޚަބަރު

ނެދަލަންޑްސްގެ ފަހު މެޗަށް ސަސްޕެންޑް ވުމުން ވެން ޑައިކް އެނބުރި ލިވަޕޫލަށް


ޔުއެފާ ނޭޝަންސް ލީގުގައި އެންމެ ފަހުން ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ސަސްޕެންޑް ވެފައިވާ ނެދަލަންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް, ކުރިއަށް އޮތް މެޗަށް ޓީމާއެކު ދަތުރުނުކުރާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ވެން ޑައިކް މި ގޮތަށް ނިންމީ، އޭނާ ކުޅެމުން އަންނަ ލިވަޕޫލާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ގާތްގާތުގައި ވަރުގަދަ މެޗުތަކެއް ކުޅެންޖެހިފައި އޮތުމާއެކު އަރާމުކުރަން އިތުރު ވަގުތު ހޯދުމުގެ ގޮތުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގައި 1-1 އިން އެއްވަރުވިއިރު، ވަން ޑައިކަށް ރަތު ކާޑު ދެއްކުމާ ގުޅިގެން އެ ޓީމަށް ދެން ޖަރުމަނާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވަނީ ސަސްޕެންޑްވެފައެވެ.

އެހެންނަމަވެސް، ވެން ޑައިކް ކުރިން ނިންމައިގެން ހުރީ ކުރިއަށް އޮތް މެޗަށް ނެދަލެންޑްސް ޓީމާއެކު ޖަރުމަނަށް ދަތުރުކުރުމަށެވެ. އެކަމަކު، ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

"އަހަރެން ޓީމާއެކު ދަތުރުކުރާނަން، އެއީ ޔަގީންކަމެއް. މިރޭ އަހަރެން 80 މިނިޓް ކުޅުނިން، އެހެންވީމާ އަހަރެން ފުރަތަމަ ރިކަވަރ ވާން ޖެހޭނެ. އަދި ކެޕްޓަނެއްގެ ހައިސިއްޔަތުން ޓީމާއެކު ހުރުމަށް ބޭނުންވޭ." އެން.އޯ.އެސް ޓެލެވިޜަނަށް ދިން އިންޓަވިއުގައި ވެން ޑައިކް ބުންޏެވެ.

ވެން ޑައިކް ބުނީ، ކުޅުންތެރިންނާއެކު ކުރިއަށް އޮތް މެޗަށް ދަތުރުކުރަން އެންމެ ފުރަތަމަ ނިންމި ނަމަވެސް، ފަހުން އެ ވިސްނުން ބަދަލުކޮށް އެނބުރި ލިވަޕޫލަށް ދާން ނިންމީ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކަށް ގިނަ ދަތުރުތަކެއް ކުރަންޖެހޭއިރު އެކަމާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެކެވިފައިވާ ކަމަށާއި، އެ ނިންމުން ނިންމަންޖެހުނީ އަރާމުކުރަން އިތުރު ވަގުތު ހޯދުމުގެ ގޮތުން ކަމަށް ވެސް ވެން ޑައިކް އިތުރަށް ބުންޏެވެ.

ނެދަލަންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ، އެ ޓީމުގެ ކެޕްޓަން، ވެން ޑައިކް ސަސްޕެންޑްވެފައިވީނަމަވެސް ބަދަލުގައި ސްކޮޑަށް އިތުރު ކުޅުންތެރިއަކު ނުގެންނާނެ ކަމަށާއި، އެ ޓީމުން ހޮނިހިރު ދުވަހު ބުޑަޕެސްޓުން މިއުނިކަށް ދަތުރުކޮށްފައިވާ ކަމަށް ބުނެފައެވެ.

ވެން ޑައިކް އަކީ، ނެދަލެންޑްސްގެ ތާރީޚުގައި ބައިނަލްއަގުވާމީ މެޗެއްގައި ރަތް ކާޑު ދައްކާފައިވާ ފުރަތަމަ ކެޕްޓަނެވެ. އަދި މިއީ، 2022 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން ވެން ޑައިކަށް ގައުމީ ޓީމުގެ މެޗެއް ގެއްލުނު ފުރަތަމަ ފަހަރު ވެސް މެއެވެ. އޭނާ ވަނީ މިހާތަނަށް ނެދަލެންޑްސް ޓީމަށް 77 މެޗު ކުޅެދީފައެވެ.