ޚަބަރު

ފިންލަންޑް އަތުން އިންގްލަންޑަށް މޮޅެއް


ޔުއެފާ ނޭޝަންސް ލީގުގައި ރޭ ފިންލަންޑާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އިންގްލަންޑުން ކާމިޔާބުކޮށްފިއެވެ.

ފިންލަންޑްގެ ހެލްސިންކީގައި ކުޅުނު މި މެޗަށް އިންގްލަންޑުން ނިކުތްއިރު އެ ޓީމުން އެންމެ ފަހުން މި މުބާރާތުގައި ގްރީސްއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. އަނިޔާގެ ސަބަބުން ހެރީ ކޭން އެ މެޗުގައި ކުޅެފައިނުވާއިރު، ވަގުތީ ކޯޗު ލީ ކާސްލީ ވަނީ ޓީމުގެ ފޯވާޑް ލައިނަށް އެ މެޗުގައި ބަދަލުތަކެއް ގެނެސްފައެވެ.

މި މެޗު ކާމިޔާބުކުރުމާއެކު އިންގްލަންޑަށް ވަނީ މި ގްރޫޕުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމު ލިބިފައެވެ. އެއްވަނައިގައި އޮތް ގްރީސްއަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައެވެ.

ބަދަލުތަކަކާއެކު އިންގްލަންޑުން ކުޅުނު މި މެޗުގެ 18 ވަނަ މިނިޓުގައި ޖެކް ގްރީލިޝް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފައެވެ. ގްރީލިޝްއަކީ ވަގުތީ ކޯޗު ކާސްލީ ގައުމީ ޓީމަށް އަލުން ނަގާފައިވާ ކުޅުންތެރިއެކެވެ. ގްރީލިޝްގެ ލަނޑުން އިންގްލަންޑަށް ލީޑު ލިބުނު ނަމަވެސް، ފިންލަންޑަށް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އިންގްލަންޑުން މި މެޗުގައި ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި އެލެކްޒެންޑަރ އާނޯލްޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 87 ވަނަ މިނިޓުގައި ޑެކްލަން ރައިސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުން އިންގްލަންޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ފިންލަންޑުން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އާތޫ ހޮސްކޮނެން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އިންގްލަންޑުން މި މުބާރާތުގައި ދެން މެޗެއް ކުޅޭނީ އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ގްރީސްގައި އެ ގައުމާ ދެކޮޅަށެވެ.