އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ލީބިޔާ އާއި ދެކޮޅަށް އެ ގައުމުގައި ކުޅެން ޖެހޭ މެޗަށް ދިޔަ ނައިޖީރިޔާގެ ޓީމު މެޗު ކުޅެން ދެކޮޅު ހަދާ އެނބުރި ގައުމަށް ހިނގައްޖެ އެވެ.
ނައިޖީރިޔާގެ ޓީމު އެނބުރި ގައުމަށް ގޮސްފައިވަނީ އެ ޓީމުގެ ކުޅުންތެރިން ދަތުރުކުރި ޗާޓަރ ފްލައިޓް ދާން ޖެހޭ އެއަރޕޯޓުގެ ބަދަލުގައި އެހެން އެއަރޕޯޓަކަށް ފްލައިޓް ޑައިވަރޓް ކުރުވުމަށްފަހު މެޗު ކުޅެން ޖެހޭ ބެންގާޒީއަށް ދެވޭނެ އިތުރު ގޮތެއް ހަމަޖައްސާފައިނުވާތީ ކަމަށެވެ.
ލީބިޔާގެ ބެންގާޒީގައި މެޗު ކުޅެން ޖަމަޖެހިފައިވާއިރު, 250 ކިލޯ މީޓަރ ދުރުގައި އޮތް އަލް އަބްރާގް އިންޓަރނޭޝަނަލް އެއަރޕޯޓަށް ފްލައިޓް ޖެއްސުމަށްފަހު 16 ގަޑިއިރު އެއަރޕޯޓުގައި މަޑުކުރަން ޖެހުނުއިރުވެސް ބެންގާޒީއަށް ދެވޭނެ އިތުރު ގޮތެއް ލީބިޔާގެ ފުޓްބޯލް ފެޑަރޭޝަނުން ހަމަޖައްސާފައިނުވާ ކަމަށް ނައިޖީރިޔާގެ ފުޓްބޯލް ފެޑަރޭޝަނުން ވަނީ ބުނެފަ އެވެ.
ލީބިޔާ އާއި ދެކޮޅަށް ކުޅެން އޮތް މެޗު ކާމިޔާބުކޮށް އަންނަ އަހަރުގެ ފަހުކޮޅު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ކޮލިފައިވުމުގެ ފުރުސަތު ނައިޖީރިއާއަށް ވަނީ ލިބިފަ އެވެ.
ލީބިޔާގެ ފުޓްބޯލް ފެޑަރޭޝަނުން ފަހުން ބުނެފައިވަނީ އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އަދި މިފަދަ ކަންތައްތަކަކީ ދިމާވާ ކަންތައްތަކެއްކަމަށް ބުނެ ލީބިޔާގެ ޓީމު ނައިޖީރިޔާއަށް މިދިޔަ ހަފްތާގައި ކުރި ދަތުރުގައިވެސް ދަތުރު ކުރުމުގެ މިފަދަ އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށް ލީބިޔާގެ ފެޑަރޭޝަނުން ވަނީ ބުނެފަ އެވެ.