ޚަބަރު

އިސްރާއީލް ބަލިކޮށް އިޓަލީ އެއްވަނައަށް


ޔޫއެފާ ނޭޝަންސް ލީގު އޭގެ ގޫރޫޕް ދޭއްގައި ރޭ އިސްރާއީލާ ދެކޮޅަށް އިޓަލީ ކުޅުނު މެޗު 4-1ގެ ނަތީޖާއަކުން އިޓަލީ އިން ކާމިޔާބުކޮށްފި އެވެ.

މި މެޗު އިޓަލީ އިން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓައެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ފްރާންސް އަށް ހަތަރު މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު އިސްރާއީލަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިޓަލީން މި މެޗުގައި އިސްރާއީލްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 41 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މަޓިއޯ ރެޓެގުއި އެވެ.

އަދި ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޖިއޮވާނީ ޑިލޮރެންޒޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް އޭގެ 12 މިނިޓް ފަހުން އިސްރާއީލްގެ އަބޫ ފާނީ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

އިޓަލީން މި މެޗުގައި ނަތީޖާގެ ފަރަގު ބޮޑު ކޮށްފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި ޑޭވިޑް ފްރަޓޭސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ހަތް މިނިޓް ފަހުން ޖިއޮވާނީ ޑިލޮރެންޒޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި އިޓަލީގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑީނީގެ ދަރި ޑެނިއަލް މަލްޑީނީ ވަނީ ފުރަތަމަ ފަހަރަށް އިޓަލީގެ ގައުމީ ޓީމަށް ކުޅެފައެވެ. މޮންޒާއަށް ކުޅެމުންދާ އުމުރުން 23 އަހަރުގެ މިޑްފީލްޑަރ ވަނީ ކުރިން އޭސީ މިލާނަށްވެސް ކުޅެފަ އެވެ.

ޑެނިއަލް މަލްޑީނީ އިޓަލީގެ ގައުމީ ޓީމަށް ކުޅުނުއިރު އޭނާގެ ބައްލަ ޕައޮލޯ މަލްޑީނީ ވަނީ ގައުމީ ޓީމަށް 126 މެޗު ކުޅެފަ އެވެ. އަދި އޭނާގެ ކާފަ, ސެޒަރ މަލްޑީނީ ވަނީ ގައުމީ ޓީމަށް 14 މެޗު ކުޅެފަ އެވެ. މިއީ އިޓަލީގެ ގައުމީ ޓީމަށް ކާފަ އާއި ބައްޕަގެ އިތުރުން ދަރިއަކު ކުޅުނު ފުރަތަމަ ފަހަރެވެ.