ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް އާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި ކޯލޯ މުއާނީ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 2-1 ގެ ނަތީޖައަކުން ބެލްޖިއަމްގެ މައްޗަށް ފްރާންސް އިން ކުރި ހޯދައިފި އެވެ.
ބެލްޖިއަމްގެ ބްރަސެލްސް ގައި ކުޅުނު މި މެޗު ފްރާންސް އިން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގު އޭގެ ގްރޫޕް ދޭއްގައި ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފަ އެވެ. ބެލްޖިއަމް އަށް ހަތަރު މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ކުރީކޮޅު ބެލްޖިއަމްއަށް ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. އޭރިޔާ ތެރެއިން ލުއިސް އޮޕެންޑާއަށް ވިލިއަމް ސަލީބާ ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީ ޔޫރީ ޓިއެލެމެންސް ފޮނުވާލާފައިވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ނަމަވެސް މާގިނަ އިރުތަކެއްނުވެ ފްރާންސް އިން ވަނީ މި މެޗުގައި ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑަކީ މެޗުގެ 35 ވަނަ މިނިޓުގައި ވޮއުޓް ފައެސް އޭރިޔާ ތެރެއިން ބޯޅައިގައި އަތުން ޖެއްސުމުގެ ސަބަބުން ލިބުނު ޕެނަލްޓީއަކުން ކޯލޯ މުއާނީ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ބެލްޖިއަމްގެ ލޮއިސް އޮޕެންޑާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ.
މި މެޗުން ފްރާންސް މޮޅުވި ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކޯލޯ މުއާނީ އެވެ.
ފްރާންސް އިން މި މެޗުގެ ފަހު 14 މިނުޓު ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ބެލްޖިއަމްގެ ޓިއެލެމަންސް އަށް ކުރި ފައުލަކާއި ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއިއެކު ކެޕްޓަން ޗޫމޭނީ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.