ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ނެދަލަންޑްސް އާއި ދެކޮޅަށް ޖަރުމަން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޖަރުމަން ކާމިޔާބުކޮށްފި އެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ޖަރުމަނަށްވަނީ ލިބިފައެވެ. ނެދަލަންޑްސްގެ ޑިފެންސް ލައިންގައި މުހިންމު ދައުރެއް އަދާކުރާ ވެންޑައިކް ސަސްޕެންޑް ކޮށްފައިވާތީ އޭނާ މި މެޗުގައި ނުކުޅެ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 64 ވަނަ މިނިޓުގައި ޖަރުމަނަށް ކާމިޔާބުކޮށްދީފައިވަނީ ސްޓަޓްގަރޓްގެ ޖެމީ ލެވެލިންގެ އެވެ. އޭނާ މި ލަނޑު ޖެހުމުގެ ކުރިންވެސް ނެދަލަންޑްސް ކޮޅަށް ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
ނެދަލަންޑްސްގެ ޑިފެންސް ލައިން ވަރަށް ދަށްކޮށް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމުން ޖަރުމަނުގެ ގޯލަށް ފޮނުވާލި ނުރައްކާތެރި މަދު ހަމަލާތަކުގެ ތެރެއިން ދެ ހަމަލައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު ޖަރުމަނަށް ވަނީ މި ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ނެދަލަންޑްސް އަށް ހަތަރު މެޗުން ލިބިފައިވާ ފަސް ޕޮއިންޓާއެކު އެ ޓީމު އޮތީ ދެވަނައިގަ އެވެ. ތިންވަނައިގައި އޮތް ހަންގޭރީއަށްވެސް ފަސް ޕޮއިންޓް ލިބިފައިވާއިރު ނެދަލަންޑްސް އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ބޮސްނިއާ އާއި ދެކޮޅަށް ހަންގޭރީ ރޭ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ހަންގޭރީ އެވެ. މި މެޗުގައި ހަންގޭރީން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ޑޮމިނިކް ސޮބޮޒްލާއީ އެވެ.