 
										
			ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ޔަހޫދީ ދައުލަތް، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތް ހެދުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން އިލްތިމާސްކޮށްފިއެވެ. 
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ޖޫން މަހުގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަށް ތާއީދުކުރާކަމަށެވެ. އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަން ޤާނޫނު އިޞްލާޙުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމުމަށް އެޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ. 
މިއީ، ރައްޔިތުންގެ ރޫޙާއި ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމެއް ކަމަށާއި އެ ނިންމެވުން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރުމަށް ޕީއެންސީންވަނީ އިލްތިމާސްކޮށްފައެވެ. 
ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުރުކޮށްފައިވާ މިދަނޑުވަޅުގައި އެ ޢަމަލުތަކާމެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ މި މުހިއްމު ފިޔަވަޅަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާކަމަށްވެސް ޕީއެންސީން ބުނެއެވެ. 
ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ގަތުލުއާންމު މީގެ އަހަރެއްކުރިން ފަށާފައިވާއިރު އެ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ރައްޔިތުން ވަނީ ގޮވާލާފައެވެ. އެހެންކަމުން ރައްޔިތުން އެދޭ އެ ބަދަލު ގެނައުމަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހު ސަރުކާރުން ވަނީ ހުށަހަޅުއްވާފައެވެ. އެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.