ޚަބަރު

މެސީގެ ހެޓްރިކާއެކު ބޮލީވިއާ އަތުން އާޖެންޓީނާއަށް ބޮޑު މޮޅެއް


ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި ހެޓްރިކާއެކު ބޮލީވިއާ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، އާޖެންޓީނާއިން ލީޑު ދަމަހައްޓައިފިއެވެ.

މި ނަތީޖާއާއެކު ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގެ އެއްވަނައިގައި އާޖެންޓީނާ އޮތީ 10 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ކޮލަމްބިއާ އޮތްއިރު، ތިނެއްގައި އޮތް އުރުގުއޭ އަށް 10 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ހަތަރުވަނައިގައި ބްރެޒިލް އޮތީ ފައިދާގޯލްގެ ތަފާތުންނެވެ.

ރޭގެ މެޗުގައި އާޖެންޓީނާ އިން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ގޯލްޖެހީ ފުރަތަމަ ހާފުގައެވެ. އެ ޓީމުން ލީޑްނެގީ 19 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ބޮލީވިއާގެ ޑިފެންޑަރު، މާސެލޯ ސުއަރޭޒް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެސީ ކާމިޔާބުކުރި ގޯލެކެވެ. މިއީ މިދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު ގައުމީ ޓީމަށް އެނބުރިއައިސް މެސީ ކުޅުނު ދެވަނަ މެޗެވެ.

އޭގެފަހުން، އާޖެންޓީނާގެ ލީޑް ފުޅާކޮށްދޭން ލިބުނު ގިނަ ފުރުޞަތުތަކެއް ބޮލީވިއާގެ ގޯލްކީޕަރު، ގިލޭމޯ ވިސްކާރާ ވަނީ ހުއްޓުވާފައެވެ. އެކަމަކު، ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެމިނެޓަށްވެފައިވަނިކޮށް އާޖެންޓީނާގެ ލަޓާރޯ މާޓިނޭޒް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އޭނާ މި ލަނޑުޖެހީ މެސީ ނަގައިދިން ހުރަހެއްގެ އެހީގައެވެ. އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގެ ތެރޭގައި ހޫލިއަން އަލްވަރޭޒް ވަނީ މެސީ ދިން ބޯޅައަކުން އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދީފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ނަހުއެލް މޮލީނާ ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް ތިއާގޯ އަލްމާޑާ އާޖެންޓީނާގެ ހަތަރުވަނަ ލަނޑުޖަހައިދިންއިރު، އޭގެކުރީން ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ޑިފެންޑަރު، ނިކޮލަސް އޮޓަމެންޑީ ލަނޑެއް ކާމިޔާބުކޮށްދިންނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައި، އެލަނޑު ގަބޫލުނުކޮށްފައެވެ.

އަދި އޭގެފަހުން، 84 ވަނަ މިނެޓުގައި ބޮލީވިއާގެ ދެ ކުޅުންތެރިން ވަރަށް ރީއްޗަށް ނައްޓާލުމަށްފަހު މެސީ ވަނީ އާޖެންޓީނާގެ ފަސްވަނަ ލަނޑުޖަހައިދީފައެވެ. މި މެޗުގައި މެސީގެ ދެވަނަ ލަނޑުޖެހިތާ ދެ މިނެޓުގެ ތެރޭގައި، އިތުރު ގޯލެއްޖަހައި ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއާއެކު، ބައިނަލްއަގުވާމީ މެޗުތަކުގައި މެސީ ހެދި ހެޓްރިކްގެ އަދަދު ވަނީ 10 އަށް އަރާފައެވެ. މެސީއާ އެންމެ ވާދަވެރި ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ގައުމީ ޓީމަށް މިއަދަދަށް ހެޓްރިކް ހަދައިފައެވެ. މި މެޗުގައި ހެދި ހެޓްރިކާއެކު މެސީ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 112 އަށް އަރާފައެވެ.

ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޕެރަގުއޭގެ ދަނޑުގައި ވެނެޒުއެލާ އަތުން 2-1 އިން ވަނީ މޮޅުވެފައެވެ. އެކުއޭޑޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އުރުގުއޭ ވަނީ ލަނޑެއްނުޖެހި އެއްވަރުވެފައެވެ.