ޚަބަރު

ބޫޓާންގެ ކްރިކެޓް ދަނޑު ހުޅުވަން ބާއްވާ މުބާރާތުގައި ރާއްޖެ ވާދަކުރަނީ


ބޫޓާންގެ ފުރަތަމަ ކްރިކެޓް ދަނޑު ހުޅުވުމުގެ ގޮތުން ބާއްވާ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު އެ ގައުމަށް ހިނގައްޖެއެވެ.

މި މަހުގެ 19-25 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާ ގައުމުތަކަކީ މުބާރާތް ބާއްވާ ބޫޓާނުގެ އިތުރުން ތައިލެންޑާއި އިންޑޮނޭޝިއާއެވެ. މި މުބާރާތުގެ ކުރިން ގައުމީ ޓީމު ވަނީ ޓީ ޓުވެންޓީ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކޮށްފައެވެ. މި މުބާރާތުގައިވެސް ވާދަކުރަނީ އެ މުބާރާތުގެ ސްކޮޑެވެ. އެގޮތުން ކެޕްޓަނަކަށް ޔޫސުފް އަޒްޔާން ފަރުހަތު ހަމަޖައްސާފައިވާއިރު، ވައިސް ކެޕްޓަނަކީ އާދަމް ނާސިފް އުމަރެވެ. ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިސްމާއީލް ނިހާދު އާއި އަހްމަދު ނީޝަމް ނާސިރެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ އިންޑޮނޭޝިއާ އާއެވެ. ދެވަނަ މެޗުގައި މުބާރާތް ބާއްވާ ބޫޓާނާ ބައްދަލުކުރާނީ އަންނަ އާދީއްތަ ދުވަހުއެވެ. އަދި ތިންވަނަ މެޗުގައި ތައިލެންޑާ ބައްދަލުކުރާނީ މިމަހުގެ 22 ގައެވެ.

ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ޓީމުގެ ކޯޗު އިސްމާޢީލް ނިހާދު ބުނީ ޓާގެޓަކީ މުބާރާތް ކާމިޔާބުކުރުން ކަމަށާއި މިއީ ހުރިހާ ގޮތަކުން ބަލާއިރުވެސް ރާއްޖެއަށް މުހިއްމު މުބާރާތެއް ކަމަށެވެ.

ހަތަރު ޓީމުގެ މެދުގައި ރޭންކިންއަށް ބެލުމަށްފަހު ސެމީ ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 25 ގައެވެ.