ޚަބަރު

17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް ޒުވާން ޓީމު ޗައިނާއަށް


އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގެ މެޗުތައް ކުޅުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާއަށް ފުރައިފިއެވެ. މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ފުރާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މުބާރާތުގެ ކޮލިފައިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 އިން 27 އަށް ޗައިނާގެ ސިޓީއެއް ކަމަށްވާ ޑައިލާންގައެވެ. މި ފަހަރު ކޮލިފައިންގައި ޖުމްލަ 47 ގަމެއް ވާދަކުރާއިރު، އަންނަ އަހަރު މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ސައުދީ ވަނީ އޮޓޮމެޓިކުން މުބާރާތަށް ކޮލިފައިވެފައެވެ.

މިދިޔަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ އޭއެފްސީ މުބާރާތުގެ ނަތީޖާއަށް ބެލުމަށްފަހު ސީޑުކޮށް ގުރުއަތު ނަގާފައިވާއިރު، ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައެވެ. ތިން ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު, ބާކީ ގުރޫޕްތަކުގައި ޖުމްލަ ހަތަރު ޓީމު ހިމެނެއެވެ. ކޮންމެ ގުރޫޕަކުން އެއްވަނައަށް އަންނަ ގައުމު މުބާރާތަށް ކޮލިފައިވާއިރު، ގުރޫޕުގެ ދެވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ގައުމެއްވެސް މުބާރާތަށް ކޮލިފައިވާނެއެވެ.

މި ފަހަރު ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ސަރަޙައްދުގެ ނިސްބަތުން ވަރުގަދަ ޓީމުތައް ހިމެނޭ ގުރޫޕެއްގައެވެ. އެގޮތުން ގްރޫޕް ސީގައި ރާއްޖެ ހިމެނޭއިރު، އޭޝިއާ ސަރަހައްދުގެ ވަރުގަދަ ދެ ބާރު ޗައިނާ އާއި ދެކުނު ކޮރެއާގެ އިތުރުން މި ގުރޫޕުގައި ދެން ހިމެނެނީ މެދުއިރުމަތީގެ ވަރުގަދަ ބާރު ބަހްރެއިން އާއި ދެކުނު އޭޝިއާ ސަރަހައްދުގައި މި ފަހަކަށް އައިސް ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ބޫޓާނެވެ.

މި ގުރޫޕުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބޫޓާނާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 19 ވަނަ ދުވަހެވެ. އަދި ދެވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ބަހްރެއިނާ ދެކޮޅަށެވެ. ގުރޫޕް ފިޔަވަހީގެ ފަހު ދެ މެޗުގައި ރާއްޖެއިން ޗައިނާ އާއި ދެކުނު ކޮރެއާ ދެކޮޅަށް ކުޅޭއިރު، ދެކުނު ކޮރެއާ މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހެވެ. އަދި ރާއްޖޭގެ ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 25 ވަނަ ދުވަހެވެ.