މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ކާމިޔާބު ކޯޗު ކަމުގައިވާ ސަރ އެލެކްސް ފާގަސަން، އެ ކުލަބުގެ ގްލޯބަލް އެމްބެސެޑަރުގެ މަގާމުން ދުރުކުރުމަށް ނިންމައިފިއެވެ.
ޔުނައިޓެޑްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ފާގަސަން ހަމަޖައްސާފައިވަނީ 2013 ވަނަ އަހަރު އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އޭނާއަށް އަހަރަކު 2.16 މިލިއަން ޕައުންޑްގެ ފީއެއް ލިބިގެންދާނެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ފާގަސަން އާއި ޔުނައިޓެޑާއި ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލަން އެ ކްލަބުން ނިންމާފައިވަނީ ކްލަބުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެ ކްލަބަށް މާލީ ގޮތުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ޚަރަދު ކުޑަކުރުމުގެ ގޮތުން ދަނީ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.
މި ސީޒަނަށްފަހު އެމްބެސެޑަރުގެ މަގާމުން ފާގަސަން ދުރުވާއިރު އޭނާ ވަނީ 2013 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުން ދުރުވުމުގެ ކުރިން އެ ކްލަބަށް 38 ތަށި ހޯދަދީފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު 13 ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު 2 ފަހަރު ވަނީ ހޯދަދީފަ އެވެ.
ޕްރިމިއާ ލީގުގެ 14 ވަނައިގައި މިވަގުތު އޮތް ޔުނައިޓެޑް ވަނީ މި ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން 200 މިލިއަން ޕައުންޑް ޚަރަދުކޮށްފައެވެ. އަދި 2022 ވަނަ އަހަރު އެ ޓީމުގެ ކޯޗުކަމާއި އެރިކް ޓެން ހާގް ހަވާލުވުމަށްފަހު އެ ކްލަބުން ވަނީ ޖުމްލަ 600 މިލިއަން ޕައުންޑް ޚަރަދުކޮށްފައެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން ފާގަސަން އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ޔުނައިޓެޑުން ނިންމިއިރު، އެ ކްލަބުގެ އެމްބެސެޑަރުންގެ ގޮތުގައި މިވަގުތު ތިބި ކުރީގެ ކުޅުންތެރިން ކަމުގައިވާ އެންޑީ ކޯލް އާއި، ޕާކް ޖީސުން އާއި، ޑްވައިޓް ޔޯކްގެ އިތުން ޑެނިސް އިރްވިން އަދި ބްރަޔަން ރޮބްސަން އާއެކު ހަދާފައިވާ އެއްބަސްވުންތަކާ މެދު އަދި އެ ކްލަބުން ގޮތެއް ނިންމާފައެއް ނުވެއެވެ.