ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ސްޕެއިނުގެ ރެއާލް މެޑްރިޑްގެ އެންމެ އިސް ޓާގެޓަކީ ލިވަޕޫލްގެ ކަނާތު ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ކަމަށް ފަހުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރެއާލްގެ ސްޕެއިން ފުލްބެކް، ޑެނީ ކާވަހާލް އަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން، ބަދަލުގައި އެހެން ކުޅުންތެރިއަކު ހޯދުމަށް ކުރާ މަސައްކަތުގެތެރެއިން އެ ޓީމުން ޝައުގުވެރިވާ އެހެން ކުޅުންތެރިންގެ ތެރޭގައި، ޓޮޓްނަމް ހޮޓްސްޕާގެ ސްޕެއިން ފުލްބެކް، ޕެޑްރޯ ޕޯރޯ ހިމެނެއެވެ.
އެގޮތުން، ރެއާލްގެ ޝޯޓްލިސްޓުގައި ދެން ހިމެނެނީ، ބަޔާ ލެވަކޫސަން އާއި ނެދަލެންޑްސްގެ 23 އަހަރުގެ ވިންގްބެކް، ޖެރެމީ ފްރިމްޕޮންގް އާއި ސެވިއްޔާ އަށް ކުޅެމުންއަންނަ ސްޕެއިނުގެ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިޔާ ހުއާންލޫ އެވެ.
ޓްރާންސްފާ ބާޒާރުގައި ރެއާލްގެ ރެކްރޫޓްމަންޓް ޕްލޭންތައް ހުރިގޮތާ ގުޅޭ ގިނަ މަޢުލޫމާތުތައް ސިއްރުކޮށްފައިވީނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެފަދަ މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށްފަހު ނަން ހާމަކުރުމަށް ފަސްޖެހުނު ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެ ޓީމުން ގެނައުމަށް ޝައުގުވެރިވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެލެގްޒެންޑާ-އާނޯލްޑް އަށް ވީއިރު އެ ފުރުޞަތު އޮތީ ލިވަޕޫލްއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވަންދެން މަޑުކުރުމަށްފަހު، ހިލޭ ޓްރާންސްފާއެއްގައި ބަދަލުވެވޭނެ މަގުފަހިވުމުން އެކަނި ކަމަށެވެ.
ލިވަޕޫލާއެކު އެލެގްޒެންޑާ-އާނޯލްޑް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މިއާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އައު ނުކޮށްފިނަމަ، އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެހެން ކްލަބުތަކާ މަޝްވަރާ ކުރެވޭނެ އެވެ.
ލިވަޕޫލްގެ ޔޫތު އުމުރު ފުރާގެ އެކި ޓީމުތަކަށް ކުޅެފައިވާ އެލެގްޒެންޑާ-އާނޯލްޑް ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް 300 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. އަދި، އިނގިރޭސި ގައުމީ ޓީމަށް ވެސް މިހާތަނަށް ކުޅުނު 31 މެޗުގައި ތިން ލަނޑުޖަހައިފައިވެއެވެ.