ޚަބަރު

ޓެން ހާގުގެ ކުރިމަގާ މެދު ބޮޑު ޕްރެޝަރެއް އެބައޮތް: ރިޕޯޓު


މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގުގެ ކުރިމަގާ މެދު ބޮޑު ޕްރެޝަރެއް އެބައޮތް ކަމަށާއި، ކުރިއަށް އޮތް ހަތް މެޗަކީ އެކަން ކަށަވަރުކުރަން ލިބިގެންދާނެ ހަމައެކަނި ފުރުސަތަށްވުން އެކަށީގެންވާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެއީ، އިނގިރޭސި ލީގުގައި ކުރިއަށް އޮތް ހަތަރު މެޗާއި، ޔުއެފާ ޔުރޮޕާ ލީގުގެ ދެ މެޗުގެ އިތުރުން އީއެފްއެލް ކަޕްގެ މެޗެއް ކަމަށްވުން ގާތް ކަމަށްވެސް ހަބަރުތައް ބުނެއެވެ. އެގޮތުން، ލީގުގައި ޔުނައިޓެޑަށް ދެން އެންމެ އަވަހަށް އޮތް ބްރެންޓްފޯޑް މެޗުގައި އެ ޓީމަށް އިރުޝާދުދެމުން އަންނަ، ކޯޗު ތޯމަސް ފްރޭންކަކީ ޓެން ހާގްގެ ބަދަލުގައި އެ މަގާމަށް ގެނައުން އެކަށީގެންވާ ފަރާތެއް ކަމަށްވެސް މީޑިއާ ހަބަރުތައް ބުނެއެވެ.

އެންމެ ފަހުގެ އިންޓަނޭޝަނަލް ބްރޭކަށް ދިޔައިރު، ސީޒަނުގެ މިހާ ހިސާބަށް އައިއިރު ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ޓެން ހާގްގެ މަގާމު އޮތީ ނުރައްކަލުގެ ތެރޭގައެވެ.

އެކަމަކު، ދާދިފަހުން އިންގްލެންޑްގެ ކޯޗުކަމުގެ މަގާމަށް ތޯމަސް ޓުޗެލް އައްޔަންކުރުމާއި، އިނގިރޭސިވިލާތުގެ ކުރީގެ ކޯޗު، ގަރެތު ސައުތުގޭޓް ކުޑަ ބްރޭކެއް ނެގުމަށް ނިންމުމާ ގުޅިގެން ޓެން ހާގްގެ މަގާމާ މެދު އޮތް ކަންބޮޑުވުންތަކަށް ވަނީ ކޮންމެވެސް މިންވަރަކަށް ލުޔެއް ލިބިފައެވެ. އެއީ، މި ދެ ކޯޗުންނަކީ ވެސް ޓެން ހާގް މަގާމުން ދުރުކުރުމަށްފަހު ޔުނައިޓެޑްގެ ކޯޗުކަމުގެ ޒިންމާ ހަވާލުކުރާނެ ކަމަށް މީޑިއާގައި އަޑުއަރާފައިވާ ޝޯޓްލިސްޓުގައި ހިމެނޭ ކޯޗުންނަށް ވުމުންނެވެ.

އެހެންނަމަވެސް، ޔުނައިޓެޑަށް ކުރިއަށް އޮތް ހަތް މެޗުގައި ނަތީޖާ ނިކުންނަ ގޮތަކުން ޓެން ހާގްގެ މަގާމު ގެއްލުން އެކަށީގެންވާ ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ. އެކަމަކު، އެ މަގާމަށް ގެނައުމަށް ޔުނައިޓެޑްގެ ވެރީން ވިސްނާފައިވާ ދެ ކޯޗުން ނުލިބޭނެކަން ވަނީ ކަށަވަރުވެފައެވެ.

މީގެއިތުރުން، ކުރިއަށް އޮތް މެޗުގައި ޓެން ހާގްގެ ޔުނައިޓެޑުން ނިކުންނަނީ އެ ޓީމަށް ކޯޗެއްގެ ގޮތުގައި ގެންނަން ވިސްނަމުންދާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާ ފްރޭންކްގެ ބްރެންޓްފޯޑާ ދެކޮޅަށް ކަމަށްވުމުން ވެސް ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް އޭނާ އަށް އެބައޮތެވެ.

އަދި، ފަހަރެއްގައި އެ މެޗަކީ އޯލްޑް ޓްރެފޯޑްގެ ވަޒީފާއަށް ފްރޭންކް ކުރިމަތިލާންޖެހޭ އޮޑިޝަނެއްގެ ގޮތުގައި ބައެއް މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.