ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ "އެމްއެންޔޫ ފަހި ފުރުޞަތު" ޖޮބް ފެސްޓިވަލް އަންނަމަހު ބޭއްވުމަށް ނިންމައިފިއެވެ.
މިއީ އެމްއެންޔޫއިން ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ، މި ފަހަރުގެ ފެސްޓިވަލް ނޮވެމްބަރުމަހުގެ 14 އިން 15 އަށް ޔުނިވަރސިޓީގެ އިދާރީ މަރުކަޒާއި ކެމްޕަސްތަކުގައި އެ ދެ ދުވަހުގެ ހަވީރު 4 އިން 6 އަކަށް އަދި ރޭގަނޑު 8 އިން 10 އަކަށް ކުރިއަށްދާނެކަމަށެވެ.
މިފަހަރުގެ ޖޮބް ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކަށް އެމްއެންޔޫއިން މިހާރު ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން އެކަމަށް ޚާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް 1 ނޮވެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ 23:59 ގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މި ޖޮބް ފެސްޓިވަލަކީ ރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި، އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވައިދޭ ބާޒާރެއްކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. މި ފެސްޓިވަލަށް ވަނުމުގެ ފުރުޞަތު ހުރިހާ އާންމުންނަށް ހިލޭ ވަނީ ހުޅުވާލާފައެވެ.
މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަޤްޞަދަކީ މާލެއާއި އަތޮޅުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތު ތަޖުރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލުންކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.
މިއީ މިއަހަރު މި ފެސްޓިވަލް ބާއްވާ ދެވަނަ ފަހަރެއެވެ. މިއަހަރުގެ ޖޫންމަހު ބޭއްވި އެމްއެންޔޫ ފަހި ފުރުޞަތު ޖޮބް ފެސްޓިވަލުގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭގޮތަށް 40 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.