ސައުދީ ޕްރޯ ލީގުގައި އަލް ޝަބާބާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެއްޖެއެވެ.
ރިޔާދުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އައިމެރިކް ލަޕޯޓް ވަނީ ލަނޑެއް ކާމިޔާބުކޮށް އަލް ނަސްރަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި އަލީ އަލް ހަސަން އަތުން ބައިކޮޅަށް ވަން ލަނޑާއެކު އަލް ޝަބާބް އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އިތުރު ވަގުތުގެ ގޮތުގައި 12 މިނިޓު ދީފައިވާ މި މެޗުން އަލް ނަސްރު މޮޅުވެފައިވަނީ އިތުރު ވަގުތުގެ ކުޅުމުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ. މި މެޗުގެ ރެފްރީ ވަނީ އިތުރު ވަގުތުގެ 12 ވަނަ މިނިޓުގައި އަލް ނަސްރުގެ ފްރާންސް ޑިފެންޑަރ މުހައްމަދު ސިމަކަން އަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މި މެޗުން މޮޅުވުމާއެކު އަލް ނަސްރަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން 17 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ.
އެއްވަނައިގައި އޮތް އަލް ހިލާލް އިން ވަނީ ލީގުގައި އިއްޔެ އަލް ފައިހާ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި އަލް ހިލާލް އިން ޖެހި ތިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މާކޮސް ލިއޮނާޑޯ އާއި ސާލިމް އަލް ދައުސާރީގެ އިތުރުން މުހައްމަދު އަލް ގަހުތާނީ އެވެ.
މި މެޗުން އަލް ހިލާލް މޮޅުވުމާއެކު އެ ޓީމު ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުންވެސް މޮޅުވެ 100 ޕަސަންޓް ރިކޯޑަކާއިއެކު 21 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ.