މިހާރު ކުރިއަށްދާ ފުޓްބޯޅަ ކަލަންޑަރު ބަދަލުކުރަންޖެހޭ ކަމަށް ބުނެ، އެކަމާ މެދު ފުންކޮށް ވިސްނުމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ގޮވާލައިފިއެވެ.
ސްލޮޓް ބުނެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުން މިހާރު ފައިނަލް ކޮށްފައިވާ ކަލަންޑަރު ބަދަލު ކުރުމާއިގުޅޭ ގޮތުން ވިސްނަން ޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ގިނަ އަނިޔާތަކެއް ލިބެމުންދާ ކަމަށެވެ.
ސްލޮޓް މިހެން ބުނެފައިވާއިރު, ލިވަޕޫލްގެ އެއްވަނަ ގޯލު ކީޕަރު ބްރެޒިލް އެލިސަން ބެކާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އަންނަ ނޮވެމްބަރ މަހުގެ މެދަކާއި ހަމައަށް އޭނާ ހުންނަންޖެހޭނީ ކުޅުމާއި ދުރުގަ އެވެ. ބެކާއަށް އަނިޔާ ވެފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގަ އެވެ.
ސްލޮޓް އިތުރަށް ބުނެފައިވަނީ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ވަރުގަދަ މެޗެއް ކުޅުމަށްފަހު ޖެހިގެން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:30 ގައި ލީގުގެ މެޗެއް ކުޅެން ޖެހޭ ކަމީ އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާއި ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ނެދަލޭންޑްސްގެ ލީގުގެ ކަލަންޑަރު ރޭވިފައިވާ ގޮތަށް ބަލާއިރު ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމެއް ޖެހިގެން އަންނަ އާދިއްތަ ދުވަހު މެޗެއް ކުޅެން ނުޖެހޭނެ ކަމަށާއި އަދި އެ ޓީމަކަށް އަރާމު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެއީ އިނގިރޭސިވިލާތުގައި ފެންނަ ކަމެއް ނޫންކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
އަންނަ އާދީއްތަ ދުވަހު ލިވަޕޫލް އިން ޗެލްސީ އާއި ދެކޮޅަށް ކުޅުމަށްފަހު ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ނިކުންނާނީ ޖަރުމަނުގެ ލެއިޕްޒިގް އާއި ދެކޮޅަށެވެ.
ފުޓްބޯޅަ ކަލަންޑަރު ބަދަލުކުރުމާއިމެދު އިތުރަށް ވިސްނުމަށް ސްލޮޓް ގޮވާލާފައިވާއިރު, މީގެ ކުރިން އެހެން ކޯޗުންވެސް ވަނީ މި ސީޒަނުގައި ފުޓްބޯޅަ މުބާރާތްތައް ރޭވިފައިވާ ގޮތާއިމެދު ފާޑު ކިޔާފަ އެވެ. އަދި ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ނުލިބި އެ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާއި ފަސޭހައިން ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ގިނަ ކޯޗުން ވަނީ ބުނެފަ އެވެ.