އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި ބޫޓާނާ އެއްވަރުކޮށްފިއެވެ.
ޗައިނާގެ ޑާލިއާން ޔޫތު ފުޓްބޯލް ޓްރެއިނިން ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް, ދެވަނަ ހާފުގެ ކުރީކޮޅު ބޫޓާނުން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ބޫޓާނަށް ލީޑު ނަގައިދިނީ ސަޔޯން ލާމާއެވެ. އަދި އޭގެ 12 މިނެޓު ފަހުން ތިންލޭ ޔަޒޭރު ވަނީ ލަނޑެއް ޖަހައި، ބޫޓާނުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ރާއްޖެއިން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އިލާން އިމްރާނެވެ. އަދި އޭގެ 11 މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން އިލާން ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ފަހަރު ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ސަރަޙައްދުގެ ނިސްބަތުން ވަރުގަދަ ޓީމުތައް ހިމެނޭ ގުރޫޕެއްގައެވެ. އެގޮތުން ގްރޫޕް ސީގައި ރާއްޖެ ހިމެނޭއިރު، އޭޝިއާ ސަރަހައްދުގެ ވަރުގަދަ ދެ ބާރު ޗައިނާ އާއި ދެކުނު ކޮރެއާގެ އިތުރުން މި ގުރޫޕުގައި ދެން ހިމެނެނީ ބޫޓާނާއި ބަހްރެއިންއެވެ. ކޮލިފައިންގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ހޯމަ ދުވަހު ބައްދަލުކުރާނީ ބަހްރެއިންއާއެވެ. އަދި ތިންވަނަ މެޗުގައި ބުދަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުމަށްފަހު، އަންނަ ހުކުރު ދުވަހު ފަހު މެޗުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.
ކޮލިފައިން ރޭވިފައިވާ ގޮތުން ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދާ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާއިރު، ގުރޫޕުގެ ދެވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ގައުމެއްވެސް މުބާރާތަށް ކޮލިފައިވާނެއެވެ.