ޚަބަރު

ރާއްޖެއިން އަންނަ މަހު ބަންގްލަދޭޝްއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު


އަންނަ ނޮވެމްބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅެން ނިންމައިފިއެވެ.

މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 އަދި 16 ވަނަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެރީނާގައެވެ. މި މެޗުތައް ކުޅޭނެކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ވަނީ އިއުލާންކޮށްފައެވެ.

މިއީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭނެ ފުރަތަމަ މެޗުތަކެވެ. އެގޮތުން އެންމެ ފަހުންވެސް ރާއްޖެއިން ބައިނަލްއަގުވާމީ މެޗެއް ކުޅެފައިވަނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، އޭޝިއާ ސަރަހައްދުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމަށް ދެކޮޅަށް ކުޅުނު މެޗުތަކެވެ. އެ ގޮތުން އެ ފަހަރުގެކޮލިފައިންގައި މާލޭގައި ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އެ ގައުމުންނެވެ.

އެ ފަހަރު މާލޭގައި ކުޅުނު މެޗު އެއްވަރުވިއިރު، މިއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގައި މާލޭގައި ބަންގްލަދޭޝް އާއި ރާއްޖެ 1-1 ގެ ނަތީޖާއަކުން އެއްވަރުވި ފަހުން، ބަންގްލަދޭޝްއިން މާލޭގައި ކުޅެ ރާއްޖެއާ އެއްވަރުކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އެންމެ ފަހުން ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވެފައިވަނީ 2022 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ.

އަންނަ މަހު ރާއްޖޭގެ ގައުމީ ޓީމުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅޭއިރު، މި ވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތީ ހުއްޓުމެއްގެ ތެރޭގައެވެ. އެގޮތުން އެފްއޭއެމްގެ ހިންގުން ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ސީޒަނަށްފަހު ދިވެހި ޕްރިމިއާ ލީގުވެސް ބާއްވާފައެއް ނުވެއެވެ.