ޚަބަރު

ފަސޭހަކަމާއެކު ވެސްޓް ހޭމް ބަލިކޮށް ޓޮޓްނަމް ހަވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް 1-4 ގެ ނަތީޖާއަކުން ބަލިކޮށް، ތާވަލުގެ ހަވަނައަށް ޓޮޓްނަމް ހޮޓްސްޕާ ޖެހިލައިފިއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ތިންވަނަ ފަހަރެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.

ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސްޓް ހޭމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ގާނާގެ ހުނަރުވެރި ވިންގް، މުޙައްމަދު ކުޑޫސް އެވެ. އޭގެފަހުން، މެޗުގެ 36 ވަނަ މިނެޓުގައި އެ ޓޮޓްނަމުން އެއްވަރުކުރީ ސްވިޑެންގެ ވިންގް، ޑޭޔާން ކުލުސެވްސްކީ ވައްދާލި ލަނޑުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޖޭމްސް މެޑިސަން އެވެ. މި ގޯލާއެކު ދެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ އަށް މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލާއެކު ޓޮޓްނަމުން ވަނީ މެޗުގެ ފުރިހަމަ ކޮންޓްރޯލް އަތުލާފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި ޓޮޓްނަމުން ފުރަތަމަ ފަހަރަށް ލީޑްނެގީ ޔްވެސް ބިސޫމާ ކާމިޔާބުކުރި ގޯލުންނެވެ. އަދި، އޭގެ ތިން މިނެޓުފަހުން، ޓޮޓްނަމުން ޖެހި ތިންވަނަ ލަނޑަކީ ވެސްޓް ހޭމްގެ ގޯލްކީޕަރު، އަލްފޮންސޭ އަރެއޯލާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މެޗުގައި ޓޮޓްނަމުން ޖެހި ހަތަރުވަނަ ލަނޑު، 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، ސޮން ހެއުން-މިން އެވެ. އޭނާ މި ލަނޑުޖެހީ ޕާޕޭ މަޓާ ސާރ ދިން ބޯޅައަކުންނެވެ. މިއީ ލީގުގައި ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު 17 މެޗުގައި ސޮން ޖެހި ހަތްވަނަ ގޯލެވެ.

އޭގެފަހުން، މެޗުގެ 86 ވަނަ މިނެޓުގައި ރެފްރީ ވަނީ ވެސްޓް ހޭމްގެ ވިންގް، ކުޑޫސް އަށް ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. ކުޑޫސް އަށް ރަތް ކާޑު ދެއްކީ ޓޮޓްނަމްގެ ޑިފެންޑަރު، މިކީ ވެން ޑެ ވެން އަށް ބޯޅަ ނެތީސް ހަމަލާ ދިނުމުންނެވެ. ރެފްރީ އެންމެ ފުރަތަމަ ކުޑޫސް އަށް ރީނދޫ ކާޑެއް ދެއްކުމަށްފަހު، ވީއޭއާރް އިން ބެލުމަށްފަހު އެ ނިންމުން ބަދަލުކޮށް، ވަނީ ރަތް ކާޑު ދައްކާފައެވެ.

ލީގުގައި ޓޮޓްނަމަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އޭގެކުރީން، ޔުއެފާ ޔުރޮޕާ ލީގުގައި އެ ޓީމުން އަންނަ ހުކުރު ދުވަހު ނިކުންނާނީ ހޮލެންޑްގެ އޭޒެޑް އަލްކްމާރްއާ ދެކޮޅަށެވެ.