ޚަބަރު

ވާދަވެރި ނަޑާލް އަތުން ޖޮކޮވިޗް މޮޅުވެއްޖެ


ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ސިކްސް ކިންގްސް ސްލޭމް އެގްޒިބިޝަން އިވެންޓުގައި ވާދަވެރި ރަފައެލް ނަޑާލްއާ ދެކޮޅަށް ކުޅުނު މެޗު ނޯވަކް ޖޮކޮވިޗް ކާމިޔާބުކޮށްފިއެވެ.

ސައުދި އަރަބިއްޔާގެ ރިޔާދުގައި ކުޅުނު މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ނަޑާލް އަތުން ޖޮކޮވިޗް މޮޅުވެފައިވަނީ ހައެއް ދޭއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުންނެވެ. ދުނިޔޭގައި ފާހަގަކޮށްލެވޭ ޓެނިސް ކުޅުންތެރިން ވަނީ މި މުބާރާތުގައި ވާދަކޮށްފަ އެވެ.

ކުރިއަށް އޮތް ޑޭވިސް ކަޕަށްފަހު ޓެނިސް ކުޅުން ހުއްޓާލާނެކަން އިއުލާން ކޮށްފައިވާ ނަޑާލް މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ ޖޮކޮވިޗް އާއި ދެ ކުޅުންތެރިންނަކީ ވަރަށް ވާދަވެރި ދެ ކުޅުންތެރިން ކަމަށާއި އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ހޯދިފައިވާ ކާމިޔާބީތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޖޮކޮވިޗްގެ ސަބަބުން ނަޑާލްގެ ކުޅުމަށް ކުރިއެރުންތަކެއް ލިބުނު ކަމަށާއި އެ ވާދަވެރިކަމުގެ ތެރެއިން އޭނާއަށް އިތުރު ހިތްވަރެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި ޓެނިސް ކުޅުން ހުއްޓާލުމުން މިހުރިހާ ކަމެއް މަތިން ހަނދާން ވާނެ ކަމަށާއި ނަމަވެސް މިއީ އެކަމަށް އެންމެ ރަގަޅު ވަގުތު ކަމަށް ނަޑާލް ވަނީ ބުނެފަ އެވެ.

ނަޑާލް ވަނީ ގްރޭންޑް ސްލޭމް 22 މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި ފްރެންޗް އޯޕަން ޓެނިސް މުބާރާތް ރެކޯޑް އަދަދެއް ކަމަށްވާ 14 ފަހަރު އޭނާ ވަނީ ހޯދާފަ އެވެ.

ސައުދީގައި ކުޅުނު މި މެޗަށްފަހު މުބާރާތް އިންތިޒާމް ކުރި ފަރާތުން ނަޑާލް އަށް ވަނީ ރަނުން ހަދާފައިވާ ޓެނިސް ރެކެޓެއް ހަދިޔާކޮށްފަ އެވެ.