އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ސިޓީ ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ވުލްވްސްގެ ސްޓްރޭންޑް ލާސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ވުލްވްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައި ނުވި ނަމަވެސް ކައުންޓަރ އެޓޭކް ތަކުގައި އެ ޓީމުން ވަނީ ސިޓީގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
ސިޓީން މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 33 ވަނަ މިނިޓުގައި ގްވަޑިއޯލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސިޓީގެ ފޯވަޑް އާލިން ހާލަންޑް ވަރަށް ރަނގަޅަށް މާކް ކޮށްގެން ވުލްވްސްއިން ކުޅުނު މި މެޗުގައި އޭނާއަށް އެ ޓީމުގެ ގޯލަށް ނުރާއްކާ ކުރާނެ މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.
މި މެޗުން ސިޓީ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޯން ސްޓޯން އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފިލް ފޯޑެން ނަގައިދިން ކޯނަރަކުންނެވެ.
މި މެޗުން މޮޅުވުމާއެކު ސިޓީއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން 20 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް 8 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.