ޚަބަރު

އަހަރަކަށްފަހު ނޭމާ އަލުން ކުޅުމުގެ ތެރެއަށް


އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި އަހަރެއްހާ ދުވަހު ހުރުމަށްފަހު ބްރެޒިލްގެ ފޯވާޑް ނޭމާ އަލުން ކުޅުމުގެ ތެރެއަށް އަތުވެއްޖެއެވެ.

ސައުދި އަރަބިއްޔާގެ އަލް ހިލާލް އަށް ކުޅެމުންދާ ނޭމާ އަށް އަނިޔާވެފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އޭނާގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ވަނީ ސަރޖަރީއެއް ހަދާފަ އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުގައި ޔޫއޭއީގެ އަލް އައިން އާއި ދެކޮޅަށް އަބޫ ދާބީގައި އަލް ހިލާލް ކުޅުނު މެޗުގެ 77 ވަނަ މިނިޓުގައި ނޭމާ ކުޅެން އަރުވާފައިވާއިރު މި މެޗުން އަލް ހިލާލް ވަނީ 5-4 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. މި މެޗުގައި އަލް ހިލާލްގެ ސާލިމް އަލް ދައުސާރީ ވަނީ ހެޓްރިކެއް ހަދާފަ އެވެ. އަދި އެ ޓީމުން ޖެހި އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ރެނަން ލޯޑީ އާއި މިލިންކޮވިޗް އެވެ.

މި މެޗުގައި އަލް އައިން އިން ޖެހި ތިން ލަނޑުގެ ތެރެއިން ސުފިއާން ރަހީމީ ތިން ލަނޑު ޖަހައި ހެޓްރިކެއް ހެދިއިރު ހަތަރުވަނަ ލަނޑަކީ ސަނަބްރިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ނޭމާ ސައުދި އަރަބިއްޔާގެ އަލް ހިލާލް އާއި ގުޅިފައިވަނީ 77.6 މިލިއަން ޑޮލަރުގެ ޓްރާންސްފަރ ފީއަކަށެވެ.

ނޭމާ އަލް ހިލާލް އާއި ގުޅުމަށްފަހު އަނިޔާގެ ސަބަބުން އޭނާއަށް އެ ޓީމަށް ކުޅެފައިވަނީ އެންމެ ފަސް މެޗެވެ.