ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ޝަޚްތާރު ޑޮނެސްކް އަތުން ބަލިވެއްޖެ އެވެ.
ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަންސާސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ޝަޚްތާރު ޑޮނެސްކް އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 29 ވަނަ މިނިޓުގައި ޝަޚްތާރުގެ ކީޕަރު ޑިމިޓްރޯ ރިޒްނިކް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
އާސެނަލްގެ ގެބްރިއެލް މާޓިނޭލީ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތްވަގުތު ކީޕަރު ރިޒްނިކްގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ބޯޅަ ވަންއިރު ކީޕަރަށް ވަނީ އެ ބޯޅަ ދިފާއު ނުކުރެވިފަ އެވެ.
އާސެނަލްއިން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފަ އެވެ. އެ ގޮތުން މެޗުގެ ކުރީކޮޅު ކަލަފިއޯރީ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.
ޝަޚްތާރުން ޑިފެންސަށް އިސްކަންދީގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ކައުންޓަރ އެޓޭކްތަކުގައި އާސެނަލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން އެކުއިނަލްޑޯ ފޮނުވާލި ނުރައްކާތެރި ހަމަލަ ފާހަގަކޮށްލެވެ އެވެ.
ލީގުގައި އެންމެ ފަހުން ބޯންމަތު އަތުން ބަލިވި މެޗަށްފަހު އާސެނަލް އިން ރޭގެ މެޗަށް ނިކުމެފައިވަނީ އެ ޓީމުގެ އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން ޑެކްލަން ރައިސް އާއި ވިލިއަމް ސަލީބާގެ އިތުރުން ކައި ހަވަޓްޒް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
ރޭގެ މެޗުގައި ކޯޗު އާޓޭޓާއަށް ކުރިމަތިވި އަނެއް މައްސަލައަކީ އެ ޓީމުގެ ޑިފެންޑަރ ކަލަފިއޯރީ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުމެވެ. އަދި އަނިޔާގެ މައްސަލަ އާސެނަލް އަށް ބޮޑުވެފައިވާއިރު ލީގުގައި ކުރިއަށް ހުރި މެޗުތަކުގެ އިތުރުން ޗެމްޕިއަންސް ލީގަށް މިކަމުގެ އަސަރު ކުރާނެކަމަށް ކޯޗް ވަނީ މެޗަށްފަހު ބުނެފަ އެވެ.